ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރިކަގޮތަކަށް އަވަހާރަކޮށްލާފައިވާ މައްސަލަ ބަލައި، މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން އެކުލަވާލި ރިޕޯޓް ސަރުކާރުން އާއްމުކޮށްފިއެވެ.

މި ރިޕޯޓް އާއްމުކުރީ މިއަދު ރައީސް އޮފީހުން ބަޔާނެއް ނެރުއްވައެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ، 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ޓީވީއެމުން ކުރިއަށް ގެންދިޔަ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމް ނިންމަވާލެއްވުމަށްފަހު އެނބުރި ގެއަށް ވަޑައިގަތް ވަގުތު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގެ ސިޑިމަތިން ދިން ހަމަލާއެއްގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން މި މައްސަލަ ތަހުގީގުކޮށް، ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް އެރުއްވި ރިޕޯޓް އާދިއްތަ ދުވަހުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ އާއްމުކޮށްފައެވެ.

މި ރިޕޯޓްގައި ބުނެފައި ވަނީ، ތަހުގީގުކުރުމުގައި ކުރިމަތިވި ގޮންޖެހުންތަައް ބޮޑު ކަމަށާއި، އެންމެ ބޮޑު ގޮންޖެހުމަކީ، ހާދިސާ ހިނގިފަހުން ގިނައަހަރުތަކެއް ފާއިތުވެފައިވުމުގެ ސަބަބުން އިތުރު ހެކި ހޯދުމުގައި ހުރި ދަތިތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯދައި އެއްކޮށްފައިވާ ކަމަށް ގަބުލުކުރެވޭ ސީސީޓީވީ ފުޓޭޖް އާއި އިންޓެލިޖެންސް މައުލޫމާާތާއި ކޯލް ޑޭޓާގެ ތެރެއިން ބައެއް ތަކެތި ނުލިބުން ކަމަށެވެ. އަދި މައްސަލާގައި ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ބަޔަކު ހަނގުރާމަ ކުރުމަށް ރާއްޖެއިން ބޭރަށް ގޮސްފައި ތިބުމާއި، ހެކިބަސްދޭން ތިބި ބައެއް މީހުން ހެކިބަސް ދީފިނަމަ އެމީސްމީހުންގެ ޖާނާއި ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ ހެކިބަސްދިނުމަށް އިންކާރުކުރުން ވެސް ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައި ވަނީ، ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލަން އެ ބަޔަކު ބޭނުންވި ސަބަބު ހޯދުމަށާއި، ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވި މީހުންނާއިއެ ކަމަށް ޚަރަދުކުރި ފަރާތް ހޯދުމަށްޓަކައި ކޮމިޝަނުގެ ފަރާތުން މި ތަހުގީގު ކުރިއަށް ގެންދިޔައީ މިވަގުތަށް ކޮމިޝަނަށް ލިބެންހުރި ހެއްކާއި ގަރީނާތަކުގެ އަލީގައި ތިރީގައިވާ މައިގަނޑު ހަތަރު މިސްރާބަށް އަމާޒުކޮށްގެން އޭގެ ތެރެއިން ހަގީގަތަކީ ކޮބައިކަން ދެނެގަތުމަށް ކަމަށެވެ.

އެގޮތުން ތަހުގީގުގައި ފޯކަސް ކޮށްފައިވާ ދާއިރާ ތަކަކީ

  1. އޭރު އޮތް ސަރުކާރާ އިދިކޮޅު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދަކަށް ހިންގި ކަމެއްތޯ
  2. އަމިއްލަ ޕާޓީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން.
  3. 2013ގެ ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކާމިޔާބުވިޔަ ނުދިނުމުގެ މަގްސަދުގައި
  4. ދީނީ ގޮތުން ޚިޔާލު ތަފާތުވުން.

ކޮމިޝަނުން އެކުލަވާލި 121 ސޮފުހާގެ މި ރިޕޯޓު ގައި ބުނެފައިވަނީ، ކޮމިޝަނުން ކުރި ތަހުގީގުންނާއި ބެލިބެލުމުން ހެކިބަސްތަކުން ދޭހަވަނީ ޑރ.އަފްރާޝީމްގެ މަރާއި އަޒްލިފް ރައޫފް އާއި ގުޅުން އޮތްކަމާއި އަޒްލިފް ރައޫފް އަކީ ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ މީހެއް ކަމެވެ. އަދި ޑރ. އަފްރާޝީމް ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން އޭނާ އަވަހާރަކޮށްލަން ޖެހޭކަމަށް އަޒްލިފް ރައޫފް ގަބޫލުކުރާ ކަންވެސް ރިޕޯޓުގައިވެއެވެ. މި މައްސަލައިގައި ތަހުގީގަށްފަހު ފުލުހުން ކުރިން އާއްމުކޮށްފައިވާ މައުލޫމާތުގައިވެސް އެ މައްސަލައިގައި އަޒުލިފްގެ މައްޗަށް ވަނީ ތުހުމަކޮށްފައެވެ.

މި ރިޕޯޓުގައި ބުނެފައި ވަނީ، އެ ކޮމިޝަނަށް ލިބިފައިވާ ހެއްކާ ގަރީނާތަކުގެ އަލީގައި އެ ކޮމިޝަނަށް ބުރަވެވެނީ ޑރ. އަފްރާޝީމް ޢަލީ ގަތުލުކުރުމަށް ރާވައި އެކަމަށް ޚަރަދުކޮށް މިކަން ތަންފީޒުކޮށްފައި ވަނީ މާލޭ ފުރުގާން މިސްކިތާއި ނޫރު މިސްކިތުގައި ހަރަކާތްތެރިވާ ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތުން ކަމަށެވެ. އަދި އެކޮމިޝަނަށް މައުލޫމާތުދިން 4 ސިއްރު ހެކިންގެ ބަހުންނާއި، ފުލުހުން އެކިއެކި މައްސަލަތަކުގައި އެއްކޮށްފައިވާ އިންޓެލިޖެންސް މައުލޫމާތުތަކުން އެނގޭގޮތުގައި، އެކަމުގެ އަޑީގައި ތިބީ، އަދި އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ކޮމިޝަނުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުގައި، ނޫސްވެރިޔާ ރިލްވާން ގެއްލުވާލައި މަރާލި މައްސަލައިގެ ތުހުމަތުވެސް ހަމަ އެ މީހުންނަށް ވަނީ ކޮށްފައެވެ.

މި ރިޕޯޓުގައި ވަނީ، މި ކޮމިޝަނަށް ލިބިފައިވާ ހެއްކާ ގަރީނާތަކުގެ އަލީގައި މި ކޮމިޝަނަށް ގަބޫލުކުރެވެނީ ހަރުކަށި ޖިހާދީ ފިކުރުގެ މި ޖަމާއަތުން ޑރ. އަފްރާޝީމް މަރާލަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ސަބަބަކީ ޑރ، އަފްރާޝީމް ދައްކަވާފައިވާ ވާހަކަތަކަކީ ކުފުރުގެ ވާހަކަތަކެއް ކަމަށް އެ ޖަމާއަތަށް ފެންނާތީ އާއި ކީރިތި ރަސޫލާގެ ސުންނަތަށް ފުރައްސާރަކޮށް ހަރާމް ކަންތައްތައް ހަލާލުކޮށް ޑރ. އަފްރާޝީމް ދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް އެ ޖަމާއަތުން ގަބޫލުކުރާތީ ކަމަށެވެ.

މީގެ އިތުރަށް ޑރ. އަފްރާޝިމް އަވާހަކޮށްލުމުގެ ތުހުމަތު ސިޔާސީ މީހުންނަށާއި، އެމްޑީޕީއަށް ކުރި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ނުފެނުނު ކަމަށް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ. އަދި އެ މައްސަލައިގެ ތުހުމަތު ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ބައެއް ފަރާތްތަކުން ކުރި ނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ގަރީނާއެއްވެސް ހޯދިފައި ނުވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ ކޮމިޝަނުން ކުރި ތަހުގީގުންނާއި ފުލުހުންގެ ހޯދުންތަކުން ދައްކާގޮތުގައި، އަދި ކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު، ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ރާއްޖޭގައި ހިންގަމުންގެންދާ ޖިހާދީ ފިކުރުގެ ޖަމާއަތުން ރާވައިގެން ކަމަށް ގަބޫލުކުރެވޭ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު ރާއްޖޭގައި ޖިހާދީ ފިކުރު ގެ މި ޖަމާއަތް ހިންގުމުގައި އިސްވެތިބެނީ މާލޭ ދަފުތަރު މުޙައްމަދު މަޒީދު އާއި ތ. އޮމަދޫ އަތިރީ ސާމިތު މުހައްމަދު ކަމަށް ވަނީ ބުނެފައެވެ.

ލިބިފައިވާ ހެކިތަކާއި ގަރީނާ ތަކަށް ބަލާއިރު ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ އަމަލީ މަސައްކަތް ހިންގުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައޫފްކަމަށް ގަބޫލުކުރެވޭ ކަމަށް ވަނީ ބުނެފައެވެ. އަދި ހ. ލޮބީ ހުސައިން ހުމާމް އަހުމަދު، މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި، ކޯޓަށް ދީފައިވާ ބަޔާނުންނާއި، ސިއްރު 10 ހެކި ފުލުހުންނަށާއި، ކޯޓުތަކަށާއި އެ ކޮމިޝަނަށް ދީފައިވާ މައުލޫމާތުންނާއި މައްސަލާގައި އެހެނިހެން ހެކިން ދީފައިވާ ބަޔާން ތަކުން ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ރޭވުން ތަންފީޒުކުރުމުގައި އަޒްލިފް ރައޫފްގެ ރޭވުމާއެއްގޮތްވާ ގޮތުގެ މަތިން ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ހ. ލޮބީ ޙުސައިން ހުމާމް އަޙްމަދު އާއި ހ. ހިކޯސްޓް އަލީ ޝާން އާއި (ސިއްރު ހެކި 10، 18. ނުފުރޭ) ބައިވެރިވެ އެހީތެރިވެދީފައިވާކަމަށް އެ ކޮމިޝަނަށް ގަބޫލުކުރެވޭ ކަމަށެވެ.

ރިޔާސީ ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ލިބިފައިވާ ހެއްކާ ގަރިނާތަކަށް ބަލާއިރު، ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ އަމަލީ މަސައްކަތުގައި ހ. ހިލްޓަން އަޒްލިފް ރައޫފްއާއި ހ. ލޮބީ ޙުސައިން ހުމާމް އަޙްމަދު އާއި، ހ. ހިކޯސްޓް އަލީ ޝާން އާއި ކުޑަކުއްޖާގެ އިތުރަށް، އިތުރަށް އެހެން ބަޔަކު އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް އެ މީހުން ޑރ. އަފްރާޝީމްގެ މަރުގެ ހާދިސާއަށް ފަހު ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ، އެ މައްސަލާގެ އެބައި ތަހުގީގުކުރުމަށް ހުރަސް އެޅިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓް ނިންމާލަމުން ބުނެފައިވެއެވެ.