ޑޭޓާ ގެއްލުމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި އަޕްގްރޭޑެޑް އޮފްސައިޓް ޑޭޓާ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ސައިންސް، ކޮމިޔުނިކޭޝަން އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ވިދާޅުވީ، މިނިސްޓްރީއާޢި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ މިމަޝްރޫއު ކުރިއަށް އޮތް ހަތްދުަވަސް ތެރޭ ނިންމާލެވޭ ވަރު ވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިގާއިމްކުރެވޭ ސިސްޓަމާއެކު ސަރުކާރުގެ މައުލޫމާތު ގެންގުޅެ ބެލެހެއްޓުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ގެއްލޭ ޑޭޓާ ނުވަތަ މައުލޫމާތު ރިކަވަރ ކުރުމަށް ނުވަތަ އަލުން އެ މައުލޫމާތުތައް ހޯދުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަގްސަދަކީ ސަރުކާރުގެ މައުލޫމާތުތައް ނުވަތަ ޑޭޓާބޭސް ސިސްޓަމްތަކަކީ ވީހާވެސް ރައްކާތެރި ތަކެއްޗަށް ހެދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރު ފެށުމުގެ ކުރިންނާއި ސަރުކާރުގެ ކުރީކޮޅު ޑޭޓާ ނުވަތަ ޑޭޓާ ބޭސްތައް ލީކުވުމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ އިނގިލިތައް ނޭޝަނަލް ޑޭޓާ ސެންޓަރަށް އަމާޒުވެފައިވާކަން ފާހަގަކުަރައްވާ މިނިސްޓަރ ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައުމަށްފަހު އަމާޒަކަށް ހެދީ ނޭޝަނަލް ޑޭޓާ ސެންޓަރަކީ އެހެން ގައުމުތަކެކޭ އެެއްގޮތަށް އެފަދަ ސަމާލުކަމަކާއި އިސްކަމެއް ދޭތަނަކަަށް ރާއްޖޭގެ ނޭޝަނަލް ޑޭޓާ ސެންޓަރު ހެދުންކަމަށެވެ.

"އެގޮތުން އައިއެސްއޯ މިންގަނޑަށް ފެއްތުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރަމުން މިދަނީ. އެމަސައްކަތުގެ ތެރެއަށް ބޮޅެއް އިތުރުކުރެވިގެން މިދަނީ. އަޅުގަނޑުމެން ވާނީ ނޭޝަނަލް ޑޭޓާ ސެންޓަރަށް ވަނުމުގެ އެކްސެސް ކޮންޓްރޯލް ހަރުދަނާކޮށްފަ. ބެކްއަޕް ސިސްޓަމްވެސް ކުރިއަށްވުރެ ހަރުދަނާކޮށްފަ. ބޭނުންވާ ހާޑްވެއަރ އަދި ސޮފްޓްވެއަރ ސާމާނު މިހާރު ވާނީ ހަމަކޮށްދީފަ"
މިނިސްޓަރ އޮފް ސައިންސް، ކޮމިޔުނިކޭޝަން އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު

ސަރުކާރުގެ ބައެއް ވުޒާރާތަކުންނާއި ބައެއް އެހެނިހެން މުއައްސަސާ ތަކުންވެސް މީގެކުރިން ޑޭޓާ އާއި މައުލޫމާތު ރިކަވަރ ނުކުރެވޭ ވަރަށް ގެއްލިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ އަމިއްލަ ކުންފުނި، މުއައްސަސާތަކުން ބަލަހައްޓާ ޑޭޓާ ސިސްޓަމްތައްވެސް މިސިސްޓަމްގެ ދަށަށް ގެނައުމަށް އިލްތިމާސް ކުރައްވާފައެވެ.

މި އޮފްސައިޓް ބެކްއަޕް ސިސްޓަމް ގާއިމް ކުރުމަށް 1.5 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.