ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް އިތުރު ކުންފުނިތަކަކަށް ހުއްދަ ދީފިއެވެ.

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ 25 ކުންފުންޏަކަށެވެ. އަލަށް ހުއްދަ ދީފައި ވަނީ 6 ކުންފުންޏަކަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ޢަރަފާތު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް، ނިމްސާ އަލް ޙައްޖު ވަލް ޢުމްރާ، ޤާފިލާ ޙައްޖު އެންޑް ޢުމްރާ، އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާ، އަލް ބްރޫޖް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އަދި އަސްކޮއި ޙައްޖު އެންޑް ޢުމްރާ އެވެ.

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާ ގޮތުން މި ހުއްދައިގެ މުއްދަތަކީ 2 އަހަރު ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރަށް ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާއިބެހޭ އުސޫލަށް ވަނީ ބަދަލުތަކެއް ވެސް ގެނެސްފައެވެ.

މިގޮތުން ހަ އިސްލާހެއް ގެނެސްފައިވާއިރު އުމްރާއަށް މީހުން ގެންދިއުމަށް އެދި ހުށައަޅާ ކުންފުނީގެ ޑިރެކްޓަރުންނަކީ، ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރަމުންދާ ނުވަތަ ޖިނާއީ ހުކުމެއް ސާބިތުވެފައިވާ، ނުވަތަ ފައިސާގެ ޚިޔާނާތުގެ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް އައު އިސްލާހުގައި ވަނީ ބުނެފަވެއެވެ.

މީގެ އިތުރުން ޕްރޮޕޯޒަލް ހުށައަޅާއިރު، އުމްރާއަށް މީހުން ގެންދާ ޖަމާއަތާއެކު އަރަބިބަހުން މުއާމަލާތްކުރުމަށް ގެންދާ މީހާގެ މައުލޫމާތާއި، އޭނާއަށް އަރަބިބަސް އެނގޭކަމުގެ ސެޓިފިކެޓް ހުށައަޅަންޖެހޭނެ ކަމަށްވެސް އަލަށް ގެނައި އިސްލާހުތަކުގައި ވެއެވެ.