ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިބްރާހީމް ނިޒާރު ހަމަޖައްސައިފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިން އެ އެސޯސިއޭޝަންގެ ޖެނަރަލް މެނޭޖަރު ޒީނިއާއަށް އާދިއްތަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފްގޭމްސްގައި އަންހެން ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައި ވަނީ ނިޒާރު އިބްރާހީމް ކަމަށެވެ.

އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މިހާރު ވެސް ޓީމުގައި މަސައްކަތް ކުރަމުންދާ އަޙްމަދު އަދީލް (ބޭބެ) އާއި މުޙައްމަދު ފައިސަލް ހަމަޖައްސާފައިވާއިރު މެނޭޖަރަކީ މިހާރު ވެސް ޓީމުގެ މެނޭޖަރު ހާމިދާ އަބްދުލް އަލީމް އެވެ.

އެކްސް އިން ފޮނުވާފައިވާ މި ސިޓީގައި އިތުރަށް ބުނެފައި ވަނީ ޓީމުގެ އޮފިޝަލުންނަށް އެކަން އަންގައި އޮފިޝަލުންގެ މަޝްވަރާގެ މަތިން ޓީމު ލިސްޓް އޮލިމްޕިކް ކޮމިޓީއަށް ފޮނުވަމަށެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ނިޒާރު ހަމަޖައްސާފައިވާއިރު އޭނާ ވަނީ ގައުމީ ފެންވަރުގައި 20 އަހަރު ވޮލީބޯޅަ ކުޅެފައެވެ. ގައުމީ ފެންވަރުގައި ބާއްވާފައިވާ ހުރިހާ މުބާރާތެއް އެކި ފަހަރު މަތިން ކާމިޔާބުކޮށްފައިވާ ނިޒާރު ވަނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކޮށް ލޯ މެޑަލް ގައުމީ ޓީމަށް ހޯދައިދީފައެވެ.

މަގާމަށް ހަމަޖެއްސުމާއި އެކު ވީސްޕޯޓްސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ނިޒާރު ބުނީ ގައުމަށް ހިދުމަތް ކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށާއި މި ފުރުސަތުގެ ބޭނުން ވެސް ހިފުމަށް ނިންމާފައިވާ ކަމަށެވެ.

ގޭމްސް އާއި ދޭތެރޭ މާ ބޮޑު ދުވަސްތަކެއްނެތް. އެހެންވީމާ އަޅުގަނޑު މަސައްކަތް ކުރާނީ މިހާރު މިއޮތް ޓީމާއެކު. ރަނގަޅު ޕްލޭނަކާއި އެކު މަސައްކަތް ކުރެއްވިއްޖެއްޔާ އަންނަ އަހަރުގެ ސެންޓަރަލް ޒޯނަށް ވަރަށް ފުރިހަމަ ޓީމެއް އެކުލަވާލެވިދާނެ. ގައުމީ ޓީމާއި މެދު ނިޒާރުގެ ވިސްނުން އޭނާ ހާމަކުރިގޭމްސް އާއި ދޭތެރޭ މާ ބޮޑު ދުވަސްތަކެއްނެތް. އެހެންވީމާ އަޅުގަނޑު މަސައްކަތް ކުރާނީ މިހާރު މިއޮތް ޓީމާއެކު. ރަނގަޅު ޕްލޭނަކާއި އެކު މަސައްކަތް ކުރެއްވިއްޖެއްޔާ އަންނަ އަހަރުގެ ސެންޓަރަލް ޒޯނަށް ވަރަށް ފުރިހަމަ ޓީމެއް އެކުލަވާލެވިދާނެ.
ގައުމީ ޓީމާއި މެދު ނިޒާރުގެ ވިސްނުން އޭނާ ހާމަކުރި

ނިޒާރު ބުނީ މިހާރު އެކުލަވާލާފައިވާ ގައުމީ ޓީމު އެ ހިސާބަށް ގެނައުމުގައި ކުރީގެ ކޯޗު އިބްރާހީމް ރަޝީދު (ސަތޯ)ގެ ދައުރު ބޮޑު ކަމަށާއި އެހެން ކަމުން ސަތޯއަށް ޝުކުރު އަދާކުރާ ކަމަށެވެ.

ގައުމީ އަންހެން ޓީމުގެ އިތުރުން ގައުމީ ފިރެހެން ޓީމުގެ އޮފިޝަލުންގެ ގޮތުގައި މިހާރު ވެސް ޓީމުގައި ތިބި އޮފިޝަލުންނާއި އެކު ކުރިޔަށްދިޔުމަށް ވަނީ ނިންމާފައެވެ.

އެކްސްކޯ އިން ވީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ގައުމީ ފިރެހެން ޓީމުގެ ކޯޗަކީ މިހާރު ވެސް އެމަގާމުގައި ހުރި ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް ކަމަށެވެ.

ޓީމުގެ ޓްރެނަރަކީ ސާބިއާގެ ވޮލީބޯޅައިގެ އެކި ޑިވިޝަނުގައި މަސައްކަތްކޮށްފައިވާ ކިޔަޗް ރަޑޯވަން ކަމަށާއި އެސިސްޓް ކޯޗަށް މުޙައްމަދު ރިޝްވާން ހުރި އިރު ޓީމުގެ މެނޭޖަރަކީ އަޝްރަފް އަލީ (އަޝްރާ) އެވެ.

ވީއޭއެމްގެ އެކްސްކޯ އިން ދެން ބަދަލު ގެނެސްފައި ވަނީ ގައުމީ ބީޗް ވޮލީ ޓީމުގެ ކޯޗަށެވެ. ގިނަ ދުވަސްތަކެއް ވަންހެން އެ މަގާމު އަދާކުރަމުންދިޔަ އަބުދުﷲ ނަޝީދުގެ ބަދަލުގައި ކޯޗަކަށް ހަމަޖައްސާފައި ވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދުނާން އަބްދުލް ހަމީދު އެވެ. އަދި ފުރަތަމަ ފަހަރަށް އަންހެން ބީޗު ވޮލީ ޓީމުގެ ކޯޗަކަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިސްމާއީލް ރިފާއު (ޗިޗޫ) ވަނީ ހަމަޖައްސާފައެވެ.

ގައުމީ ޓީމަށް ގެނައި ބަދަލުތަކާއި ބެހޭ ގޮތުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އަމާޒަކީ ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށާއި މި މުބާރާތަށް ހަމަޖައްސާފައިވާ އޮފިޝަލުން ނަކީ އެކަމަށް ކުޅަދާނެ އަދި އެންމެ ގާބިލު ފަރާތްތައް ކަމަށެވެ.

އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ކުޅިވަރާއި ބެހޭ ވަޒީރާއި ޝަރުކާރަށް. ވޮލީ ކުރިޔަށްހެންދިޔުމަށްޓަކައި ޝަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްއަދި ދެއްވަމުން ގެންދަވާ މާލީ އެހީތެރިކަމަށް. އަޅުގަނޑުމެން މިތިބީ ސަރުކާއެކު ވޮލީއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމަށް ގުޅިގެން ކުރިޔަށްދާން. އަޅުގަނޑުމެން އުންމީދު ކުރަނީ ހުރިހާ ކަމެއް ހައްލުވެ. ވޮލީއަށް ރަނގަޅު ކުރިމަގެއް އޮތް ކަމަށް.
ލަތީފް