އަމިއްލަ ފަރާތަކުން ރާއްޖޭގައި އެއަރޕޯރޓެއް އެޅުމަށް ކުރި މަސައްކަތް ވަރަށް ދިގު މުއްދަތަކަށް ދެމިގެން ވަނީ ގޮސްފައެވެ. އަދި އެ މަސައްކަތް ކުރުމަށްޓަކައި ދައުލަތަށް ހުށަހަޅައިފައި ވަނީ އިތުރު އިންވެސްޓްމަންޓުތައްވެސް ރާއްޖޭގައި އުފެއްދޭނެ ގޮތެއްގެ މަތީންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވައިގެ ޚިދުމަތް ފުޅާކުރުމަށްޓަކައި އަމިއްލަ ފަރާތަކުން އެއަރޕޯރޓެއް ބިނާކުރުމަށް ހުށަހެޅުއްވި ފުރަތަމަ ބޭފުޅަކީ ވިލާ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން އޮނަރަބަލް ޤާސިމް އިބްރާހީމެވެ. އަދި އެކަމުގައި ކުރައްވަން ޖެހިވަޑައިގަތް މަސައްކަތްތައް ވަރަށް ތަފްޞީލުކޮށް ޤާސިމް ވަނީ ވީނިއުސްއަށް ވިދާޅުވެ ދެއްވައިފައެވެ.

ޤާސިމް އިބްރާހީމް: ވިލާ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން

ޤާސިމް ވިދާޅުވީ 1980އިގެ އަހަރުތަކުން ފެށިގެން އެފަދަ ވިސްނުންފުޅެއް ގެންގުޅުއްވައި ޢަމަލީ ގޮތުން ސަރުކާރަށް ދެންނެވޭވަރުވީ 90އިގެ އަހަރުތަކުގެ ތެރޭގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެކި އެކި މުއައްސަސާތަކުގައި ބޮޑެތި ޒިންމާތައް ނަންގަވައިގެން މަސައްކަތްކުރައްވަން ޖެހިވަޑައިގަތް ކަމަށެވެ. އެގޮތުން ކުރީގެ ވިޔަފާރިވެރީންގެ ޖަމިއްޔާ، ޓްރޭޑާރސް އެސޯސިއޭޝަން ނުވަތަ މިހާރުގެ މޯލްޑިވްސް ޗޭމްބަރ އޮފް ކޮމާރސްގެ ރައީސްކަމާއި ޙަވާލުވެ ވަޑައިގެން އެތަނުގައި މަސައްކަތް ކުރައްވަމުުން ވަޑައިގެން ޓުއަރިޒަމް އެސޯސިއޭޝަންގެ ނައިބު ރައީސް ކަމާ ހިސާބަށް ވަޑައިގަތް ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެއަށްފަހު ފައިނޭންސް މިނިސްޓަރުކަމާ ޙަވާލުވެ ވަޑައިގެން ދިވެހި ދައުލަތުގެ ބައިތުލްމާލު ތަނަވަސްކޮށްދެއްވުމަށް ފެއްޓެވި މަސައްކަތާ ހިސާބުން ފެހި ސިގްނަލެއް ލިބިވަޑައިގަތް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ސީ ޕޯރޓް: މާމިގިލި

އެހެން ނަަމެވސް ޤާސިމް ވިދާޅުވީ މިއަދު، ފަތުރުވެރިކަން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ފެތުރިގެންދާއިރު އޭވިއޭޝަންގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން ޖެހޭނެކަމަށެވެ. އަދި އެއަރޕޯރޓުތައް ބިނާކުރެވި ތަރައްޤީ ކުރެވެމުންދާއިރު އެއީ މިއަދުން މިއަދަށްވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

އޭވިއޭޝަންގެ ދާއިރާ ކުރިއަރައިގެން ދިއުމަކީ ރާއްޖެއަށް ނުހަނު ބޭނުންތެރިވެފައިވާ ކަމެއް. މިކަންތައްތަކަކީ ރާއްޖެއަށް މިއަދު ވަރަށް މުހިންމު ކަމެއް. ދިވެހި ސަރުކާރުންވެސް އެމަަސައްކަތް ކުރެއްވުމަށްޓަކައި ކުރިއަށް އޮތްތަނުގަވެސްް އަދި މިހާރުން މިހާރަށްވެސް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ."

ޤާސިމް އިބްރާހީމް

ބައިނަލްއަޤުވާމީ ވައިގެބަނދަރު: މާމިގިލި

ރާއްޖޭގައި އަމިއްލަ ފަރާތަކުން އެއަރޕޯރޓެއް ބިނާކުރުމަށް ޤާސިމް ކުރެއްވި މަސައްކަތާއި ގުޅިގެން 2000 ވަނަ އަހަރު އަމިއްލަ ފަރާތަކުން މާމިގިލީގައި އެއަރޕޯރޓެއް އެޅުމަށް ޓެންޑަރކޮށް ބީލަމަށްލުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅަކީ ހަމަ އެކަނި ޤާސިމް އިބްރާހީމެވެ. އަދި އެމަނިކުފާނުގެ ހުށަހެޅުއްވުމުގައި އިތުރު އިންވެސްޓްމަންޓަކަށް މަގުފަހި ކުރައްވައި ވަޒީފާ އިތުރުވެ އިޤުތިޞާދަށް ހެޔޮ ބަދަލު އަންނާނެ ކަންތައްތަކެއް ހުށައެޅުއްވިއެވެ. އަދި އޭރު ރާއްޖޭގެ ވައިގެ މައިދޮރާށި ކަމުގައިވާ ހުލޭގައި އޮންނަ ބައިނަލްއަޤުވާމީ އެއަަރޕޯރޓާއި އެކު އިތުރު 3 އެއަރޕޯރޓެއް އެކި ސަރަޙައްދުތަކުގައި އޮތްކަމަށް ޤާސިމް ވިދާޅުވިއެވެ.

1990އިގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ވަރަށް ބައިވަރު މަސައްކަތްކުރީން އެއަރޕޯރޓު ހެދުމުގެ ހުއްދަ ހޯދަން. އަޅުގަނޑުމެނަށް އެއަރޕޯރޓު ހެދުމުގެ ހުއްދަ ލިބޭހިސާބަށްއައީ 2000 ވަނަ އަހަރާ ހަމައިގަ. ސަރުކާރުން އެ ވިސްނުން ގެންގުޅޭހިސާބަށް ދިޔައީ. 2003 ވަނަ އަހަރު މާމިގިލި އެއަރޕޯރޓު ހަދަން ޓެންޑަރަށްލީ. އޭރު ރާއްޖޭގަ އުޅޭނީ ހަނިމާދުއާ ކާޑެއްދުއާ އައްޑޫގަން ފިޔަވައި ދެން އޮންނާނީ ލާމުއަތޮޅު. އެނޫން އެހެން އެއަރޕޯރޓެއް ނޯންނާނެ."

ޤާސިމް އިބްރާހީމް

ޤާސިމް ވިދާޅުވީ މާމިގިލީގައި އެއަރޕޯރޓު ހެދުމަށް ޓެންޑަރަށް ލައިގެން އެއްވެސް މީހަކު އެކަމާ ޝައުޤުވެރިކަމެއް ނުބެހެއްޓެވި ކަމަށެވެ. ނަމަވެސް މާމިގިލީން ބިން ހިއްކަވައިގެން ދައުލަތަށް ފައިސާވެސް ލިބޭނޭ ގޮތުގެ މަތީން ރަށަށާއި އަތޮޅަށް އެކަމުގެ ފައިދާކުރާނެ ގޮތުގެ މަތީން އެތަން ނަންގަވައިގެން އެއަރޕޯރޓެއް ބިނާކުރެއްވީ ކަމަށެވެ.

މިތަން ސަރުކާރުން އަޅުގަނޑުމެނަށް ދެއްވި އިރު އެއްވެސް ވަރަކަށް ނެތް ސަރުކާރުން އަޅުގަނޑުމެންނަށް އިންސެންޓިވްއެއް ދެއްވާ ގޮތަކަށް. އޭގެ ފަހުން ސަރުކާރުން މިކަން ފަށްޓަވައިގެން އަޅުގަނޑު ފިނޭންސް މިނިސްޓަރުކަމުގަ ހުރެގެން 2006 ވަނަ އަހަރުން 2007 ވަނަ އަހަރުން ފެށިގެން ފަށައިގަތީ ސަރުކާރުން ވަރަށް ބޮޑު އިންސެންޓިވް ދީގެންވެސް ރާއްޖޭގެ އެތައް މިތާނގަ އެއަރޕޯރޓުތައް ހައްދަވަން. އާދެ! މިދަންނަނަވަނީ އެއަރޕޯރޓެއް ހަދައިފިއްޔާ ރިސޯރޓެއްހަދަންވެސްވެސް ރަށެއް ދޫކޮށްލައްވާ ގޮތަށް. އެމީހަކު ރިސޯރޓެއްހަދާނެތަން (ސަރުކާރުން) ދޫކޮށްލައްވައިފަ. އެއީ ގެއްލުންވާތީ. އާދެ! މިތަން ހެދިއިރު އަޅުގަނޑުމެން މިވަނީ މިއޮތް މާމިގިލީގެ ރައްޔިތުންނަށް 38 ހެކްޓަރަށްވުރެ ބޮޑު ބިން ހިއްކައިދީފައި. ބޮޑު ބައިނަލްއަޤުވާމީ ސީ ޕޯރޓެއް ހަދައިދީފައި. މިހުރިހާކަމެއް ކޮށްފަ އަޅުގަނޑުމެން މިކަންތައް ކޮށްގެން މިތިބީ. އަޅުގަނޑުމެންނަށް ސަރުކާރުން އެއްވެސް އިންސެންޓިވްއެއް ސަރުކާރުން ދެއްވާ ގޮތަކަށް ނޫން އޮތީކީ."

ޤާސިމް އިބްރާހީމް

ޤާސިމް އިބްރާހީމަށް އެއަރޕޯރޓެއް އެޅުމުގަ ހުއްދަ ލިބިގެންދިޔައިރު އެވަރުގެ ރައުސުމާލެއް އިޢާދަކުރުމަށް އެއްވެސް ބަދަލެއް ނުލިބި އޮތް އިރު އޭގެ ފަހުން އަމިއްލަ ފަރާތަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުން އެއަރޕޯރޓެއް އެޅުމަށް ހުއްދަ ދީފައިވާއިރު އެއިން ކޮންމެ ފަރާތަކަށްވަނީ އެ އިންވެސްޓުމަންޓު ރިކަވަރކުރާނެ އިންސެންޓިވްތަކެއް ސަރުކާރުން ދެއްވައިފައެވެ.

ބައިނަލްއަޤުވާމީ ބަނދަރު: މާމިގިލި

ޤާސިމް ވިދާޅުވީ އެމަނިކުފާނަށް ރިކަވަރީގެ މަގެއް ނެތް ނަމަވެސް މާމިގިލީގައި އެޅިގެން ދިޔަ އެއަރޕޯރޓާއިއެކު އަމިއްލަ އެއަރލައިނެއްވެސް އަމިއްލަފުޅަށް އުފައްދަވައިގެން އެ ދާއިރާއަށް ޚިދުމަތް ކޮށްދެއްވެވޭތީ އުފާކުރައްވާ ކަމަށެވެ.

އަމިއްލަ ފަރާތަކުން ފުރަތަމަ އެޅި އެއަރޕޯރާޓާއި އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެން ދިޔަ ކުރިއެރުން ވެގެން ދިޔައީ މުޅި ރާއްޖޭގައި ފަތުރުވެރިކަމާ އޭވިއޭޝަންގެ އުދުހުންތައް ފުޅާވެ ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ މަންފާ އިތުރުވެގެން ދިއުންކަމާމެދު އެއްވެސް ފަރާތަކަށް ދެބަސްވެވޭނެ ޖާގައެއް ނެތެވެ.