މަންޓާ އެއާ އިން ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.

އެ އެއާލައިންގެ ސީޕްލޭން ޓާމިނަލް ހުޅުވައި ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހިދުމަތް ފަށްޓަވައިދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހުއެވެ.

މި ރަސްމިއްޔާތުގައި މަންތާ އެއާގެ އިސްވެރިންނާއި އެމްއޭސީއެލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ފެށުމަކީ އެ އެއާލައިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައި މަންޓާގެ ޚިދުމަތްތައް އަދި މިއަށްވުރެވެސް ފުޅާވާ މަންޒަރު ފެނިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި ޚިދުމަތް ފެށުމަށް އެމްއޭސީއެލްއިން ބޮޑު އެއްބާރުލުމެއް ދީފައިވާކަން ފާހަގަކުރައްވައި ޚަލީލް ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މަންޓާ އެއާއިން ސީޕްލޭން ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ މަންޓާއިން ދަތުރުކުރާ އެއާޕޯޓުތަކާ ކައިރީ އޮންނަ ރިސޯޓުތަކަށެވެ.

މަންޓާ އެއާއިން ސީޕްލޭންގެ ޚިދުމަތް ފަށާފައިވާއިރު މި ޚިދުމަތް ފަށާފައި މިވަނީ ޖުމްލަ 4 ބޯޓާ އެކުގައެވެ.

ސީޕްލޭން ހިދުމަތަށް ޖުމްލަ 10 ފްލައިޓު ގެންނާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

މަންޓާގެ ސީޕްލޭން ތަކަކީ ގާމިން ޖީ950 އެންއެކްސްއައި ނެކްސްޓް ޖެނެރޭޝަން ފްލައިޓް ޑެކް ޓެކްނޮލަޖީއާއެކު ވެދާ ރާޑަރެއް ހިމެނޭ ފްލައިޓެކެވެ.

މި ފްލައިޓުތަކަކީ އާންމުކޮށް ބޭނުންކުރާ ސީޕްލޭންތަކަށްވުރެ ލުއި، ފަސިންޖަރުންނަށް ފަސޭހަވާނެ ފްލައިޓުތަކެއް ކަމަށް މަންޓާ އިން ބުނެއެވެ.