ކުޅުދުއްފުއްޓަށް ނިސްބަތްވާ ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިސްނަގައިގެން އެ ރަށުގައި ބޭއްވި ރާއްޖޭގެ ފުރަތަމަ ބީޗު ސްޕޯޓްސް ގޭމްސް ކާމިޔާބުކަމާއެކު ނިންމާލާ ތާރީހުގެ ތެރެއިން ޖާގަހޯދައިފިއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި މާލޭއިން ބޭރުގައި ރަށުގެ ސްޕޮންސަރުންނާއި ރައްޔިތުން ގުޅިގެން ބޭއްވި އެންމެ ކާމިޔާބު، އަދި އެންމެ ފުރަތަމަ ބީޗު ގޭމްސް އެވެ.

މި ގޭމްސްގައި ޖުމްލަ 4 ކުޅިވަރެއް ވަނީ ކުޅެފައެވެ. އެއީ ތްރީ އޮން ތްރީ ބާސްކެޓާއި، ބީޗް ހޭންޑްބޯޅައިގެ އިތުރުން ބީޗު ވޮލީ އާއި ނެޓުބޯޅައެވެ. މީގެއިތުރުން މި ގޭމްސްގެ ތެރެއިން ރާއްޖެއަށް މުޅިން އަލަށް އެއާ ބެޑްމިންޓަން ވަނީ ތައާރަފްކޮށްފައެވެ.

އާދީއްތަ ދުވަހުގެ ހަވީރު ބޭއްވި މުބާރާތުގެ ފައިނަލް މެޗުތަކަށް ބަލާއިރު ބީޗު ވޮލީބޯޅައިގެ ޗެމްޕިއަންކަން ކޭއެސްޔޫ ހޯދިއިރު ރަނަރަޕްކަން ހޯދާފައިވަނީ ނިއު އޭޖް ސްޕޯޓްސް ކުލަބެވެ. ބީޗު ނެޓުބޯޅައިގެ ޗެމްޕިއަންކަން ޓީމު ގޮއްޔެ ހޯދީ ފައިނަލުގައި ފައިވް ބަލިކޮށްގެންނެވެ. އަދި ތްރީ އޮން ތްރީ ބާސްކެޓުބޯޅައިގެ ސީނިއާ މެންސް ބައިގެ ޗެމްޕިއަންކަން ހޯކްސް ހޯދިއިރު ރަނަރަޕްކަން ހޯދާފައިވަނީ އައިލޭންޑް ބޯއިސް އެވެ.

ކުޅުދުއްފުށީގައި ބޭއްވި ބީޗު ގޭމްސްގެ އަންހެން ހޭންޑްބޯލް ފައިނަލް މެޗުގެ ތެރެއިން-- ފޮޓޯ: އައި ވެލް ޕޯޓްރެއިޓް

މީގެއިތުރަށް ތްރީއޮންތްރީ ބައިގެ 14 އަހަރުންދަށޫގެ ފިރިހެންބައިގެ ޗެމްޕިއަންކަން އެޒްޓެކް ވައިޕާސް ހޯދިއިރު މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޯކިޑް އެވެ. ބީޗު ހޭންޑްބޯޅައިގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެލީޓް ހޯދިއިރު ރަނަރަޕްކަން ހޯދާފައިވަނީ ނިއު އޭޖް ސްޕޯޓްސް ކުލަބެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ޓީމު ގޮއްޔެ ހޯދިއިރު ރަނަރަޕްކަން ހޯދާފައިވަނީ ނިކަ އެވެ. ފައިނަލް މެޗާއި އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.

މި ގޭމްސްގައި 500 އަށްވުރެ ގިނަ އެތްލީޓުން ވަނީ ބައިވެރިފައެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން މާލެއާއި ކައިރި ރަށްރަށާއި އެކުގައެވެ. މިމަހުގެ 13 ގައި ފެށި މި ގޭމްސް ކުރިޔަށްދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ކުޅުދުއްފުށީގައި ބޭއްވި ބީޗު ގޭމްސްގެ ބީޗު ވޮލީބޯޅައިގެ ފައިނަލް މެޗުގެ ތެރެއިން-- ފޮޓޯ: އައި ވެލް ޕޯޓްރެއިޓް

މި ގޭމްސް ބޭއްވުމުގައި އެންމެ އިސްރޯލެއް އަދާކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ ޑަބްލިއު ސްޕޯޓްސް އެކަޑަމީއެވެ. މީގެއިތުރުން އެ ރަށަށް ނިސްބަތްވާ ވިޔަފާރިވެރިންގެ ބޮޑު އެއްބާރުލުމެއްވެސް ވަނީ ލިބިގެންގޮސްފައެވެ. ހާއްސަކޮށް ބާދުޝާހު ބޯޓު ފާހަގަކޮށްލެވެއެވެ. މި ގޭމްސްގެ ފުރިހަމަކަމާމެދު ކުޅިވަރާބެހޭ ވަޒީރުވެސް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

މިއީ ރާއްޖޭގެ އެހެން ރަށްރަށަށް ކުޅުދުއްފުށިން ދައްކުވައިދިން މިސާލެވެ. ޖަޒީރާ ގައުމެއްގައި ބީޗު ގޭމްސްއެއް ބޭއްވުމަކީ ކިހާ މުހިއްމު ކަމެއްކަން ކުޅުދުއްފުށީގެ ޒުވާނުން އެ ވަނީ ސާބިތުކޮށްދީފައެވެ.