ފުވައްމުލަކު ސާފިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ ފުރަތަމަ ބޮޑީބޯޑިން މުބާރާތުގެ ޗެމްޕިއަންކަން ޝިމާލް ޝަމީމު ހޯދައިފިއެވެ.
މި މުބާރާތުގެ ޝޯޓް ބޯޑިންގ އިން ޗެމްޕިއަންކަން ހޯދީ އަމީން އެވެ. ފުވައްމުލައް ސިޓީ ތުނޑީގައި ކުރިޔަށް ގެންދިޔަ ސީ ސްޕޯޓްސް ގުމްބުރާސް ޗެލެންޖު 2019 ބޮޑީބޯޑިން މުބާރާތުގެ ބޮޑީބޯޑިން އިން ދެވަނަ ހޯދީ ރިޒުވާން (ރިލޭ) އެވެ. އަދި ތިންވަނަ ހޯދީ އިބްރާޙިމް ސުހައިލް ރަޝީދު (ޖަސްލް) އެވެ.
ޝޯޓް ބޯޑިން އިން ދެވަނަ ހޯދީ ހައްސާނު (އޭއާރު) އެވެ. އަދި ތިންވަނަ ހޯދީ ޝަރަފް ނަސީރެވެ.
މި މުބާރާތުގައި 16 ބައިވެރިން ވާދަކޮށްފައިވާއިރު، ބޮޑީބޯޑިން ގައި 12 ބައިވެރިންނާއި ޝޯޓްބޯޑިން ގައި 4 ބައިވެރިން ވަނީ ވާދަކޮށްފައެވެ.
ފުވައްމުލަކު ސާފިން އެސޯސިއޭޝަނުން ބުނީ މީގެ ކުރިން އެހެން ފަރާތަކުން ބޭއްވި ދެ މުބާރާތާއި ބަލާއިރު މި މުބާރާތައް ލިބުނު ތަރުހީބު ބޮޑު ކަމަށާއި މި މުބާރާތުން ވަރަށް ހުނަރުވެރި މޮޅު ރާޅާ އެޅުންތެރިން ފެނިގެންދިޔަ ކަމަށެވެ.
މިމުބާރާތުގެ މަގުސަދަކީ ފުވައްމުލައް ސިޓީގައި ރާޅާ އެޅުމުގެ މިކުޅިވަރުގެ ހުނަރު ތަރައްގީކޮށް ގައުމީ ފެންވަރުގެ ރާޅާ އެޅުންތެރިން އުފެއްދުން ކަމަށް ފުވައްމުލަކު ސާފިން އެސޯސިއޭޝަނުން ހާމަކުރިއެވެ.
މި މުބާރާތައް ފުވައްމުލަކު ސިޓީ ކައުންސިލް އާއި ފުވައްމުލަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނާއި އައިބޭގެ އޯނަރާއި ސީ ސްޕޯޓްސް އާއި އެމްޓީސީސީގެ އިތުރުން މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ވެދިން އެހީތެރިކަން ފުވައްމުލަކު ސާފިން އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.