ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ދިރާގު ޔޫތު ލީގުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން މާޒިޔާ ފުޓްބޯލް އެކަޑަމީން ހޯދައިފި އެވެ.

12 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ހޯދީ ސައްތައިން ސައްތަ ރެކޯޑާއެކު ލީގު ބުރުގެ ފަހު މެޗުގައި އިއްޔެ ހަވީރު 4-1 އިން މޯލްޑިވްސް ސޮކަ މޭޓްސް ބަލިކޮށްގެންނެވެ.

ޔޫތު ފުޓުބޯޅަ ކުރިއެރުވުމުގެ ގޮތުން އެފްއޭއެމުން ފަށާފައިވާ ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން ލީގު ފެށިއިރު، މިދިޔަ އަހަރު ބާއްވާފައިވަނީ 13 އަހަރުން ދަށުގެ ކުޅުން އެކަންޏެވެ. އެކަމަކު މިއަހަރު 12 އަހަރުން ދަށާއި، 14 އަހަރުން ދަށުގެ މުބާރާތް ވަނީ ބާއްވާފައެވެ. 14 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީވެސް މާޒިޔާ އެވެ.

އިއްޔެ ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ސޮކާ މޭޓްސް ކޮޅަށް މާޒިޔާ އިން ޖެހި ހަތަރު ގޯލުގެ ތެރެއިން އަނޫފް އަބްދުﷲ އާއި އަބްދުﷲ ރިޒާން މުހައްމަދު، ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި މެޗުގައި ސޮކާ މޭޓްސްއިން ކާމިޔާބުކުރި ހަމައެކަނި ގޯލަކީ މާޒިޔާގެ އަހުމަދު ހަމްދު މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިފަހަރުގެ 12 އަހަރުން ދަށުގެ މުބާރާތިގައި 10 އެކަޑަމީއަކުން ވަނީ ވާދަކޮށްފައެވެ.

އެއީ މާޒިޔާ ފުޓްބޯލް އެކަޑަމީ، ބީޖީ ސްޕޯޓްސް އެކަޑަމީ، ވިކްޓަރީ ސްޕޯޓްސް ކްލަބު ފުޓްބޯލް އެކަޑަމީ، އާލީ ޓަޗް ފުޓްބޯލް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، އީގަލްސް ފުޓްބޯލް އެކަޑަމީ، ޓީސީ ފުޓްބޯލް އެކަޑަމީ، މޯލްޑިވްސް ސޮކާ މޭޓްސް، އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އަދި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް އެވެ.