ޔޫރޯ ކޮލިފައިންގައި ރޭ ލަގްޒަމްބާގް އަތުން 2-0 އިން މޮޅުވެ އަންނަ އަހަރުގެ ޔޫރޯއަށް އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކޮލިފައިވެއްޖެ އެވެ.

ރޭގެ މޮޅާއެކު ޔޫރޯއަށް ޕޯޗުގަލް ކޮލިފައިވީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ އެއްވަނަ އަށް ދިޔައީ 20 ޕޮއިންޓު ހޯދާފައިވާ ޔޫކްރޭން އެވެ. ޕޯޗުގަލްއަށް 17 ޕޮއިންޓު ލިބިފައިވާއިރު، ރޭ ޔޫކްރޭނާ 2-2 އިން އެއްވަރުވި ސާބިއާ ވަނީ ޕްލޭ އޮފް ބުރުން ޖާގަ ހޯދާފައެވެ. ތިންވަނައިގައި އޮތް ސާބިއާ އަށް ލިބުނީ 14 ޕޮއިންޓެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްއިން ވަނީ ލީޑު ނަގާފައެވެ. 39 ވަނަ މިނެޓުގައި މި ގޯލް ޖެހީ ބްރޫނޯ ފެނާންޑޭޒް އެވެ. އަދި 86 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް ލީޑު ފުޅާކޮށްދީފައެޗެ.

މި ގޯލާއެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް 99 ގޯލްް ޖަހައިދީފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް އޮތީ އީރާން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ ދާއީ އަތުގަ އެވެ. އޭނާ އެ ރެކޯޑް ހެދީ 109 ގޯލު ހަމަކޮށްގެންނެވެ. އެ ރެކޯޑާ ހަަމަކުރަން ރޮނާލްޑޯ އަށް ބޭނުންވަނީ އެންމެ 10 ގޯލެވެ.

ރޭ ލަގްޒަމްބާގް އަތުން މޮޅުވެ ޔޫރޯ އަށް ޕޯޗުގަލް ކޮލިފައިވިއިރު، މިހާތަނަށް އަންނަ އަހަރުގެ ޔޫރޯއިން 17 ގައުމެއް ވަނީ ޖާގަ ހޯދާފައެވެ. އެއީ ޕޯޗުގަލް، ސްޕެއިން، ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ޔޫކްރޭން، ރަޝިއާ، ޗެކް ރިޕަބްލިކް ފިންލެންޑް، ސްވިޑްން، ކްރޮއޭޝިއާ، އޮސްޓްރިއާ، ނެދަލެންޑްސް އަދި ޖަރުމަން އެވެ.

މީގެ އިތުރުން ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މުހިންމު މެޗުތަކަށް ބަލާލާއިރު، ފްރާންސް އިން ވަނީ 2-0 އިން ރަށުންބޭރުގައި އަލްބޭނިއާ ބަލިކޮށްފައެވެ. އަދި އިންގްލެންޑުން ވެސް ވަނީ ރަށުންބޭރުގައި 4-0 އިން ކޮސޯވޯ ބަލިކޮށްފަ އެވެ.