ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ގޮޓަބާޔަ ރާޖަޕަކްސަ، މިއަދުގެ ވަގުތެއްގައި ރައީސްކަމުގެ ހުވާ ކުރައްވާނޭ ކަމަށް ޚަބަރު ލިބެއެވެ.

އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދިޒަމްގެ ޚާއްސަ ރަށެއް ކަމަށްވާ އަނޫރާދަޕޫރާގައި ކަމަށް ވެއެވެ. ގޮޓަބާޔަ ރާޖަޕަކްސަ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ ގަޑިން ހެނދުނު 11:00 ގައެވެ.

މި ރަސްމިއްޔާތުގައި، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އިތުރުން، ސްރީލަންކާގެ ޕާލަމެންޓް މެމްބަރުންނާއި، އެހެން އިއްޒަތްތެރިން ބައިވެރިވެވަޑައި ގަންނަވާނެ ކަމަށް މީޑިއާއިން ބުނެއެވެ.

ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، ސްރީލަންކާ އިލެކްޝަން ކޮމިޝަނުން އިއްޔެ އީޢްލާން ކޮށްފައިވާއިރު، ވޯޓްލުމުގެ ހައްގު ލިބިފައިވާ 16 މިލިއަން މީހުންގެ ތެރެއިން ރިޔާސީ އިންތިޚާބުގައި 13 މިލިއަނަށްވުރެ ގިނަމީހުން ވޯޓްލާފައި ވެއެވެ.

ވޯޓްލާފައިވާ މީހުންގެ %52.25 ވޯޓް ކާމިޔާބު ކުރައްވާފައިވަނީ ގޮޓަބާޔަ ރާޖަޕަކްސައެވެ. އެއީ ހަމިލިއަނަށްވުރެ ގިނަ ވޯޓެވެ. ގޮޓަބާޔަ ރާޖަޕަކްސައާ އެންމެ ގާތުން ވާދަކުރެއްވި ސާޖިތު ޕްރެމަދާސައަށް ލިބިވަޑައިގެންފައިވަނީ %41.99 ވޯޓެވެ. އެއީ، ފަސްމިލިއަނަށްވުރެ ގިނަ ވޯޓެވެ.

މި ދެބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓްގައި މިލިއަނަކަށްވުރެ ފަރަގު ބޮޑެވެ.

25 ކެންޑިޑޭޓުން ވާދަކުރެއްވި ރިޔާސީ އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވީ ނޭޝަނަލް މޫވްމަންޓް އޮފް ޕީޕަލްސް ޕަވަރގެ ލީޑަރ އަނޫރާ ކުމާރަ ޑިސަނަޔަކެއެވެ. އޭނާއަށް ލިބިވަޑައި ގެންނެވީ %3.16 ވޯޓެވެ.

އަނެއްކޮޅުން، ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢްލާން ކުރުމާއެކު، މިހާރުގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ވަޒީރުން މިހާރުވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުންނަކީ ރިޔާސީ އިންތިޚާބުން ބަލިވެވަޑައި ގެންނެވި ސާޖިތު ޕްރެމަދާސައާ ވަރަށް އަރިސް ބޭފުޅުން ކަމަށް ވެއެވެ. އިންތިޚާބުން ބަލިވެވަޑައި ގެންނެވުމުން ސާޖިތު އިއްޔެގައިވަނީ ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުންވެސް އިސްތިއުފާ ދެއްވާފައެވެ.

މިހާރު އޮތް ސަރުކާރާމެދު ކަންތައް ވެގެންދާނެގޮތް އެނގޭނީ އާ ރައީސް ހުވާ ކުރައްވައި މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައި ގެންނެވުމުން ކަމަށް ވެއެވެ.

ސްރީލަންކާ ޕީޕަލްސް ޕާޓީން މިހާރަށްވެސް ބުނެފައިވަނީ، ބޮޑުވަޒީރުކަމާ އެ ޕާޓީގެ ލީޑަރު މަހިންދަ ރާޖަޕަކްސަ ހަވާލުވެވަޑައި ގަންނަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.