ނުރައްކާތެރި ކެމިކަލް ފަދަ ތަކެތި ރައްކާކުރުމަށް ތިލަފުށީގައި ހެދި ކެމިކަލް ގުދަންތަކުގެ މަސައްކަތްތައް ނިންމާލައިފިއެވެ.

ކެމިކަލް ގުދަންތައް ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއާ އެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 34 ގުދަން 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 9.5 މިލިއަން ރުފިޔާއަށެވެ.

މި ގުދަންތަކުގެ މަސައްކަތް ނިމުމާއެކު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ މިގުދަންތައް ބައްލަވާލެެއްވުމަށް އިއްޔެ ތިލަފުއްޓަށް ވަޑައިގެންފައެވެ. އަދި މި ގުދަންތަކުގެ ހާލަތު ބައްލަވައި، މި ގުދަންތަކުގައި ސަލާމަތީ ކަންކަން ހުރިގޮތްވެސް ރައީސް ބައްލަވާލައްވާފައި ވެއެވެ.

ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ގުދަންކުރުމަށް ހައްސަ ގުދަންތަކެއް ތިލަފުށީގައި ގާއިމްކުރަން ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހެންވޭރުގައި ހިނގައިދިޔަ ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. މިހަދިސާ ހިނގާފައިވަނީ ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހަދިސާއަކާ ގުޅިގެން ކަމަށްވާތީ، މާލޭގައި ހުރި އަލިފާން ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

މިފަދައިން ނިންމަވާފައިވަނީ މިފަދަ ތަކެތި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގުދަންކޮށްފިނަމަ ދިމާވެދާނެ ނުރައްކާތެރި ހާލަތަކާމެދު ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާތަކެއް ކުރެއްވުމަށް ފަހުއެވެ. އަދި މިއީ މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ނުރައްކާތެރި ކެމިކަލް ރައްކާކުރުމަށްތިލަފުށީގައި ގާއިމްކޮށށްފައިވާ ގުދަންތަކުގެ ތެރޭގައި 34 ގުދަން ހިމެނެއެވެ.

ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އަދި ހާއްސަކޮށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ މިގުދަންތަކުގެ ތެރޭގައި 300 އާއި 800 އަކަފޫޓާއި ދެމެދުގެ ޔުނިޓުތައް ހިމެނެއެވެ.