ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބޭއްވި ވިލި މުއައްސަސާ ކަޕް 2019 ގެ ޗެމްޕިއަންކަން ކްލަބު ވެމްކޯ ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ކްލަބު ވެމްކޯ ހޯދީ ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ވިލިޖޯލި އަތުން 9-0 އިން ފަސޭހަކަމާއެކު މޮޅުވެގެންނެވެ.

ފައިނަލް މެޗުގައި ކްލަބު ވެމްކޯ އިން ޖެހި 9 ގޯލު ޖެހިއިރު، އެޓީމުގެ އަބްދުﷲ ޖުނާ ވަނީ ހެޓްރިކް ހަދާފައެވެ. އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ ދެ ގޯލް ޖެހި އިބްރާހީމް ޖުނާހު އާއި ނާސިހު މުހައްމަދާއި އަލީ ނިޒާމް އަދި އަބްދުﷲ ސަމީހު މޫސާ އެވެ. އަދި ވިލިޖޯލީގެ މުހައްމަދު ވިލްފް އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ.

ރޭ އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބު ވެމްކޯއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރަޕް ވިލިޖޯއްޔަށް ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށްވެސް ހޮވިފައިވަނީ ވިލިޖޯއްޔެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ވިލިޖޯލީގެ އާދަމް ނަޝްވާނާއި މުހައްމަދު ވިލްފާއި ކްލަބު ވެމްކޯގެ އިބްރާހިމް މުބީން އާއި އަބްދުﷲ ސަމީހު މޫސާ އަދި ގޯލްކީޕަރު ޒައިދާން އަހުމަދެވެ. މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވިލިޖޯލީގެ އާދަމް ނަޝްވާނެވެ. އޭނާ ވަނީ މުބާރާތުގައި 11 ގޯލް ޖަހާފައެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން - ފޮޓޯ: އިމޭޖަސް އެމްވީ

މިއަހަރުގެ ވިލި މުއައްސަސާ ކަޕްގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މީޑިއާ ޕާޓްނަރަކީ ވަންއޮންލައިން ހަމަޖެއްސިއިރު، އޮންލައިން މީޑިޔާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. ސަޕޯޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާޑަން ބްރީޒެވެ. މުބާރާތުގެ އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބިދަބިންއެވެ. މުބާރާތުގެ އޮފިޝަލް އިވެންޓްސް ޕާޓްނަރަކަށް ސައިޓް އެންޑް ސައުންޑްސް ހަމަޖެއްސިއިރު، އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އިމޭޖަސް އެމްވީ އެވެ. އަދި ބެވަރޭޖް ޕާޓްރަނަކީ ކޮކާކޯލާ އެވެ. އަދި މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓނަރަކީ ވީސްޕޯޓްސް އެވެ.