އަހަރީ ފީ ނުދެއްކުމުގެ ސަބަބުން އިތުރު 19 ކުންފުންޏެއް އުވާލަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އަހަރީ ފީ ނުދައްކައިގެން މީގެ ކުރިންވެސް ފަސް ބުރެއްގެ މަތިން ގިނަ އަދަދެއްގެ ކުންފުނިތަކެއް އުވާލަން އިއުލާނު ކޮށްފައިވާ ކަމަށެވެ.
އުވާލަން ނިންމާފައިވާ ކުންފުނިތަކަކީ 2017 އަދި 2018 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދައްކާހުރި ކުންފުނިތަކެވެ. މި ކުންފުނިތަކުގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތާއި، ފަތުރުވެރިކަމުގެ ސިނާއަތާއި، މަސްވެރިކަމުގެ ސިނާއަތުގައި ހިމެނޭ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.
މި ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން އަލުން ކުންފުނި ހިންގަން ބޭނުންވާ ކުންފުނިތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަަމަ ކުރުމަށްފަހު ޑިސެމްބަރުމަހުގެ ތިންވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް އެކަން ލިޔުމަކުން އެންގުމަށް މިނިސްޓްރީން އެދިފައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެކުރިންވެސް އެތައް ފަހަރެއްގެމަތިން ކުންފުނިތަކެއް އުވާލަން ނިންމާފައިވެއެވެ. މި ކުންފުނިތަކުގެ ތެރޭގައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގާހުރި ގިނަ ކުންފުނިތަކެއް ހިމެނޭ ކަމަށް މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.
މީގެއިތުރުން، ދީފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ކުންފުނިތަކާއި ގާނޫނުގައިވާ ގޮތަށް އަމަލުކޮށްފައި ނުވާ ކުންފުނިތައް އުވާލުމަށް ނިންމިނަމަވެސް އެކަން ކުރެވޭނީ ކުންފުނިތަކުން މުއާމަލާތް ކޮށްފައިވާ ގޮތާއި، ދަރަނި ހުރި ގޮތް ބަލައި ސާފުކުރުމަށްފަހު ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.