އުމުރުފުޅުން 70 އަހަރުގެ ގޮޓަބާޔަ ރާޖަޕަކްސަ، ސްރީލަންކާގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

މިއީ، ސްރީލަންކާގެ ހަތްވަނަ ރައީސެވެ. އަދި މިއީ، އަސްކަރިއްޔާގައި އުޅުއްވުމަށްފަހު ސްރީލަންކާގެ ރިޔާސަތަށް ވަޑައިގެންނެވި ފުރަތަމަ އޮފިސަރެވެ.

ގޮޓަބާޔަ ރާޖަޕަކްސަ ރައީސްކަމުގެ ހުވާ ކުރައްވާފައިވަނީ، ސްރީލަންކާގައި ގަދީމީ ޒަމާނުގައި ބުދިސްޓު ރަސްކަންކުރި އުތުރު-މެދުތެރޭ ރަށެއް ކަމަށްވާ އަނޫރާދަޕޫރާގެ ރުވަންވެލި ސެޔަ ބުދިސްޓް ފައްޅީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ގޮޓަބާޔައަށް ރައީސްކަމުގެ ހުވާ ލައިދެއްވި ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާއެވެ.

މަގާމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގޮޓަބާޔަ ރާޖަޕަކްސަވަނީ، އޭނާ ވެވަޑައިގަންނަވާނީ ސްރީލަންކާގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމަށް ވިދާޅުވެފައެވެ.

އެއާއެކު، ސްރީލަންކާގެ ބައިމަދު ތަމަޅައިންނާއި، މުސްލިމުންވެސް އެމަނިކުފާނާ އެއްބައިވަންތަވުމަށް ގޮޓަބާޔަ ގޮވާލެއްވިއެވެ.

21 މިލިއަން މީހުން ހިމެނޭ ސްރީލަންކާގެ އަބާދީގެ %20 އަކީ މުސްލިމުންނާއި، ތަމަޅައިންނެވެ.

ހަމަ އެއާއެކު، ސްރީލަންކާގެ ގައުމީ ސަލާމަތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނޭ ކަމަށާއި އަދި ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނީ ވަކިފަރާތަކަށް ނުޖެހޭ ގޮތަށް ކަމަށްވެސް އާ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ވައުދުވެވަޑައި ގެންނެވިއެވެ.

ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، ސްރީލަންކާ އިލެކްޝަން ކޮމިޝަނުން އިއްޔެ އީޢްލާން ކޮށްފައިވާއިރު، ވޯޓްލުމުގެ ހައްގު ލިބިފައިވާ 16 މިލިއަން މީހުންގެ ތެރެއިން ރިޔާސީ އިންތިޚާބުގައި 13 މިލިއަނަށްވުރެ ގިނަމީހުން ވޯޓްލާފައި ވެއެވެ.

ވޯޓްލާފައިވާ މީހުންގެ %52.25 ވޯޓް ކާމިޔާބު ކުރައްވާފައިވަނީ ގޮޓަބާޔަ ރާޖަޕަކްސައެވެ. އެއީ ހަމިލިއަނަށްވުރެ ގިނަ ވޯޓެވެ. ގޮޓަބާޔަ ރާޖަޕަކްސައާ އެންމެ ގާތުން ވާދަކުރެއްވި ސާޖިތު ޕްރެމަދާސައަށް ލިބިވަޑައިގެންފައިވަނީ %41.99 ވޯޓެވެ. އެއީ، ފަސްމިލިއަނަށްވުރެ ގިނަ ވޯޓެވެ.

މި ދެބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓްގައި މިލިއަނަކަށްވުރެ ފަރަގު ބޮޑެވެ.