އިންޑިއާގެ އައު އުއްތަމަ ފަނޑިޔާރު ޝަރަދު އަރްވިންދު ބޮބްޅޭ މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

އިންޑިއާގެ 47 ވަނަ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ޖަސްޓިސް ޝަރަދު އަރްވިންދު ބޮބްޅޭ މަގާމުގެ ހުވާ ކުރެއްވުމުގެ ޚާއްސަ ރަމިސްޔާތު އޮތީ އިންޑިއާގެ ރައީސްގެ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

އުއްތަމަ ފަނޑިޔާރަށް މަގާމުގެ ހުވާލައިދެއްވީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުއެވެ.

ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒިރު ނަރެންދުރަ މޯދީއާއި، އިންޑިއާ ސަރުކާރުގެ ވެރިންނާއި، ސިޔާސީ މައިދާނުގެ އެތައް އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މަގާމުގެ ހުވާ ކުރެއްވުމަށްފަހު، ޝަރަދު އަރްވިންދު އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ޖަލްސާގެ ރިޔާސަތު ސަރަހައްދުގައި ގޮނޑިއެއްގައި އިންނެވި އޭނާގެ މުސްކުޅި މަންމާފުޅުގެ އަރިހަށެވެ.

https://www.youtube.com/watch?v=eG-h1l7RFzU

ޖަސްޓިސް ޝަރަދު އަރްވިންދު ބޮބްޅޭ އިންޑިއާގެ އުއްތަމަ ފަނޑިޔާރުގެ މަގާމާ މި ހަވާލުވެވަޑައި ގެންނެވީ، އެ މަގާމުގައި ކުރިން ހުންނެވި ޖަސްޓިސް ރަންޖަން ގޮގޯއި އިއްޔެ ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

މަގާމުން ރިޓަޔާ ކުރައްވާތީ، ކޮންވެންޝަންގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޖަސްޓިސް ބޮބްޅޭ އައްޔަން ކުރައްވަން ހުށަހެޅުއްވީ މަގާމުން ރިޓަޔާ ކުރެއްވި ފަނޑިޔާރު ރަންޖަންއެވެ. އެއީ، އޭނާއާ ޖެހިގެން ސުޕްރީމް ކޯޓުގެ ބެންޗުގައި އެންމެ ސީނިއަރ ފަނޑިޔާރަކީ ޝަރަދު އަރްވިންދު ބޮބްޅޭކަމުންނެވެ.

އަދި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޝަރަދު އަރްވިންދު ބޮބްޅޭ އައްޔަން ކުރެއްވުމުގެ ލިޔުމުގައި އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު ސޮއި ކުރައްވާފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ 29 ވަނަ ދުވަހުއެވެ.

އިންޑިއާގެ އާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް މިއަދު އައްޔަން ކުރެވުނު ޖަސްޓިސް ޝަރަދު އަރްވިންދު ބޮބްޅޭ، 2021 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 23 ވަނަ ދުވަހު ރިޓަޔާ ކުރައްވަންދެން މަގާމުގައި ދެމިހުންނަވާނެއެވެ.

ޝަރަދު އަރްވިންދު ބޮބްޅޭ އުފަންވެވަޑައިގެންފައިވަނީ 24 އޭޕްރީލް 1956 ގައި މަހާރަޝްތުރާގެ ނާގްޕޫރަށެވެ. އޭނާގެ މުޅި އާއިލާއަކީވެސް ގާނޫނީ ވަކީލުންގެ އާއިލާއެއް ކަމަށްވެއެވެ. ބޮބްޅޭގެ ކާފައާއި، ބައްޕައާއި، ބޭބެއަކީވެސް ފުންނާބުއުސް ގާނޫނީ ވަކީލުންނެވެ.

2000 ވަނަ އަހަރުގެ މާޗްމަހުގެ 29 ވަނަ ދުވަހު ބޮމްބޭ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު ބޮބްޅޭ، އެ މަގާމުގައި 12 އަހަރު ހޭދަކުރެއްވި ފަހުން މަދިޔަ ޕްރަދޭޝްގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެވުނީ 16 އޮކްޓޫބަރު 2012 ގައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ޖަސްޓިސް ޝަރަދު އަރްވިންދު ބޮބްޅޭ އައްޔަން ކުރެވުނީ 12 އޭޕްރީލް 2013 ގައެވެ.