- ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ބަަލައިގަތުން
- ކޮސޯވޯ ރާއްޖެއިން ބަލައިގަތީ 2009 ގައި
- އެއީ ބުއްދިވެރިކަމެއް ކަމެއް ކަމަކަށް ނުފެނުނު: ރައީސް ނަޝީދު
- އެކަން ރައީސުލްޖުމްހޫރިއްޔާ މުތޯލިއާ ކޮށްލެއްވުން ރަނގަޅު: ރައީސް ނަޝީދު
ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ގަަބޫލުކުރުން އެހާ ބުއްދިވެރިކަމަކަށް ނުވިކަމަށް، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮސޯވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ގަބޫލުކުރީ 2009 ވަނަ އަހަރުގެ ތެރޭގައި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
ނަމަވެސް ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ގަަބޫލުކުރުމަކީ އެހާ ބުއްދިވެރިކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ހުށަހެޅުއްވީ، ޤަރާރު މަޖިލީހުގެ އެޖެންޑާގައި ހިމެނުމާއި މެދު އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފާހަގަކުރެއްވި މައްސަލައާއި ގުޅިގެންނެވެ. މެންބަރު ނަޝީދު އަބުދުﷲ ހުށަހެޅުއްވި ޤަރާރުގައި ވަނީ، ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިއުލާންކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެކަން ހިނގައިދިއަގޮތް ބަލައި މަޖިލީހުގެ ތެރެއިން ކުރެވެންހުރި މަސައްކަތްތައް ކުރުމަށެވެ.
މި މައްސަލަ އެޖެންޑާގައި ހިމެނުމާއި ގުޅިގެން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، މަޖިލީހުގެ އެޖެންޑާ އާއި ދޭތެރޭގައި ހިންހަމަ ނުޖެހުމެއް ނުވަތަ ބަދަލުކުރަން ފެނިވަޑައިގަންނަވާ ނަމަ އެ ފުރުސަތު މަޖިލީހުގެ ގަވައިދުން ލިބިދޭ ކަމަށެވެ.
މެންބަރު އާޒިމް ވިދާޅުވީ ޤާނޫނުއަސާސީގެ 4 ވަނަ ބާބަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްޢުލިއްޔަތުތަކާއި ބާރުތައް ހިމެނޭ ބާބު ކަމަށާއި، އެ ބާބުގެ 115ވަނަ މާއްދާގެ ރ. ގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެެއްޓުމާއެކު ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ޤައުމީ ސިޔާދަތަށް އިހުތިރާމްކުރުން އިތުރުކުރުމަކީ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ހަމަ އެ މާއްދާގެ ބ. ގައި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާއިގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި އެކަންކަމަށް ބޭނުންވާ އިރުޝާދު ދިނުން އޮންނަ ކަމަށެވެ.
މީގެ އިތުރަށް 115ވަނަ މާއްދާގެ މ. ގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގައި، އެ ސިޔާސަތު ހިނގާ ނުހިނގާގޮތް ބަލައި ބޭރު ގައުމުތަކުގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގުޅުން ގާއިމްކޮށް ދެމެހެއްޓުމަކީވެސް ރައީސްގެ މަސްއުލިއްޔަތެއް ކަމަށެވެ.
އެހެންކަމުން ކޮސޯވޯ މައްސަލަ އާއި ގުޅިގެން މަޖިލީހަށް ގަަރާރެއް ފޮނުވައި އެކަމަށް މެންބަރުންގޮތް ކިއުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކުގެ ތެރެއިން ވަނުންކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަކީ ޤާނޫނުހަދާ ބާރުގެ މަޖިލިސް ކުރާ ގޭގެ އެޖެންޑާގައި ހިމަނައިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އެމްޑީޕީގެ ޕީޖީ ލީޑަރ އާޒިމް ވިދާޅުވިއެވެ.
މި މައްސަލަ އެޖެންޑާގައި ހިމަނާފައިވާތީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރު އާޒިމް ފާހަގަކުރެއްވި ނުކުތާ ބަލައިގަންނަ ކަމަށެވެ. އަދި އަމީންއާއްމާއި ކައުންސެލާ ޖެރެނަލް އާއި މި މައްސަލައިގައި މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮސޯވޯ އަކީ މިނިވަން ދައުލަތެއް ކަމަށް 2009 ގައި ދިވެހި ސަރުކާރުން ގަބޫލުކުރީ، އޭރުގެ ފޮރިން މިނިސްޓަރު އަދި މިހާރު އދ. ގެ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ރިޝްވަތު ނަންގަވައިގެން ކަމަށް ކަމަށް އޭރު އިދިކޮޅު ފަރާތްތަކުން ވަނީ ތުުހުމަތުކޮށްފައެވެ.
ކޮސޯވޯގެ މައްސަލައަށް އިޝާރާތްކުރައްވާ ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް މިހާރު ގަބޫލުފުޅު ކުރެއްވޭ ގޮތުގައި، ކޮސޯވޯ ބަލައިގަތުމަކީ އެހާ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. ނަމަވެސް އޭރު ލިބިވަޑައިގެންނެވި މައުލޫމާތަށް ބަލާއިރު، ކޮސޯވޯގެ މިނިވަންކަން ދިވެހި ދައުލަތުން ބަލައިގަތީ އެއްވެސް ހާލެއްގައި ރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ވިސްނުމުގެ ބޭރުން އެހެން ކަމެއްގެތެރެއިން ކަމަށް ދެކެން ވަރަށް އުނދަގޫ ކަމަށާއި، އެކަމުގެ 100 ޕަސެންޓް ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ، ޗްކޮސްލަވާކިއާ ބައިބައިވެގެން ދިއުމާއި، ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމުން އުފެދުނު ގައުމުތަކުގެ ތެރޭގައި އެކުލެވިފައިވާ މުސްލިމް އާބާދީތަކާއި، މުސްލިމް އެހެން އާބާދީތަކައި އެއިރު ހާއްސަ ގުޅުންތަކެއް އުފެދިގެންދިއަތަން ފެނިވަޑައިގެންނެވި ކަމަށެވެ.
ކޮސޯވޯގެ ދައުލަތް ރާއްޖެއިން ބަލައިގަތުމުގައި ރިޝްވަތުގެ އަމަލެއް ހިމެނޭކަމަށް ތުހުމަތުކުރެވިފައި ވަނީ ކުރެވިފައެވެ. އަދި ކޮސޯވޯގެ ދައުލަތް ބަލައިގަތުމަށް އޭރުގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު މެދުވެރިކުރައްވައިގެން ޕްރެޝާކޮށްފައި ވަނީ އެމެރިކާ އިން ކަން ވިކިލީކްސް އިން 2013ގައި ލީކުކޮށްލި ޑޮކިއުމަންޓްތަކެއްގައި ވަނީ ހާމަކޮށްފައިވެއެވެ.
ނަމަވެސް މި މައްސަލައިގައި 9 އޭޕްރީލް 2009ގައި އޭރުގެ ސަރުކާރުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމުގައި ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން ރިޝްވަތު ނަންގަވާފައިވާ ކަމަށް ބުނާ މައްސަލައިގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް އޭރުގެ ރައީސް ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށެވެ.
އަދި އޭރުގެ ރައީސް، މުހައްމަދު ނަޝީދު ވިއަދުވެސް ވިދާޅުވީ، ކޮސޯވޯގެ މިނިވަންކަން ދިވެހި ދައުލަތުން ބަލައިގަތީ އެއްވެސް ހާލެއްގައި ރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ވިސްނުމުގެ ބޭރުން އެހެން ކަމެއްގެތެރެއިން ކަމަށް ދެކެން ވަރަށް އުނދަގޫ ކަމަށެވެ. އަދި އެކަމުގެ 100 ޕަސެންޓް ޔަގީންކަން އަރުވާ ކަމަށެވެ.