ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މާދަމާ ރާއްޖެ ބަލިކުރެވޭނެ ކަމަށް ގުއާމްގެ ކޯޗު ކާލް ޑޮޑް ބުނެފި އެވެ.
ކޮލިފައިންގައި ގުއާމުން މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާއިރު، ރާއްޖެ މޮޅުވީ ހަމައެކަނި ގުއާމް އަތުންނެވެ. ގުއާމްގައި ކުޅުނު އެ މެޗުން ރާއްޖެ ވަނީ 1-0 އިން މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑޮޑް ބުނީ ގުއާމް އަތުން ރާއްޖެ މޮޅުވީ އެ މެޗުގައި ގުއާމަށް ހެދުނު އެންމެ ގޯހެއްގެ ފައިދާ ނަގައިގެން ކަމަށެވެ. އެގޮތުން ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅުނީ ގުއާމް ކަމަށާއި، މާލޭގައި ކުޅޭ މެޗުން ރާއްޖެ އަތުން މޮޅުވެ، ކޮލިފައިންގައި ފުރަތަމަ މޮޅު ހޯދަން ޓީމު އޮތީ ތައްޔާރަށް ކަމަށްވެސް ބުންޏެވެ.
އަދި ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވި ނަމަވެސް، ގުއާމްގެ ނަތީޖާތައް ގޯސް ނޫން ކަމަށްވެސް ޑޮޑް ބުންޏެވެ. އަދި ބުނީ ސީރިއާ އާއި ޗައިނާ ކައިރީގައި މާ ބޮޑު ކަމެއް ނުކުރެވޭނެ ކަމަށާއި އެކަމަކު ރާއްޖެ ކަހަލަ ޓީމުތަކާ ދެކޮޅަށް ކުޅެވޭނެ ކަމަށެވެ.
ގުއާމްގެ ކެޕްޓަން ޖޭސަން ކަންލިފް ބުނީ ރާއްޖޭގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަމަށާއި މާދަމާގެ މެޗުން މޮޅުވަން މުޅި މެޗަށް ފޯކަސް ކުރަން ޖެހޭ ކަމަށެވެ. އަދި މި މެޗުން ރާއްޖެ ބަލިކުރެވޭނެ ކަމަށާއި، އަދި މި މެޗަކީ ރަނގަޅު ކުޅުމެއް ފެނިގެންދާނެ މެޗެއް ކަމަށް އުއްމީދުކުރާ ކަމަށްވެސް ބުންޏެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ތާވަލަށް ބަލާއިރު، ހަތަރުވަނައިގައި ރާއްޖެ އޮތީ 4 މެޗުން 3 ޕޮއިންޓާއެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރާއްޖެ އާއި ގުއާމް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4:00 ގައެވެ.