ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މާދަމާ މާލޭގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

ގުއާމްގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ރާއްޖެއިން ނެރެފައިވަނީ ޒުވާން ސްކޮޑެކެވެ. އެއީ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ނެރުނު އެންމެ ޒުވާން ސްކޮޑެވެ. އަމިއްލަ ދަނޑުގައި މާދަމާ ހަވީރު ގުއާމާ ދެކޮޅަށް ނުކުންނައިރު، މިހާރު ގައުމީ ޓީމުގައި ތަޖުރިބާހުރި ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ.

މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސެގާޓް ބުނީ ފުރަތަމަ މެޗުން ގުއާމް އަތުން މޮޅުވެފައި އޮތަސް މާދަމާގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ. އެގޮތުން ގުއާމް ޓީމުގައި އެމެރިކާގެ ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިންނާ ދެކޮަޅަށް ކުޅެން އުނދަގޫވާނެ ކަމަށެވެ.

އަދި ފިލިޕީންސް އަތުން މާލޭގައި ބަލިވި ނަމަވެސް، އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކަނޑައެޅު ޓާގެޓް އަދިވެސް ހާސިލުވާނެ ކަމަށް ކޯޗު ބުންޏެވެ. އެގޮތުން ރާއްޖޭގެ ޓާގެޓަކީ ތިންވަނަ ހޯދުން ނޫން ކަމަށާއި، ހަތަރުވަނައިގައި އޮވެ ނަމަވެސް އޭޝިއަން ކަޕަށް ކޮލިފައިވެ ކުޅުންތެރިން ކުރިއެރުވުން ކަމަށްވެސް ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ހުރިހާ ޓީމެއް ވެސް އެހާމެ ހަމަހަމަ. އަހަރެމެން ގުއާމް އަތުން ކުރިން މޮޅުވެފައި އޮތަސް އެއީ އުނދަގޫ މެޗެއް. ގުއާމްގައި އެބަތިބި އެމެރިކާ ކުޅުންތެރިން ވެސް. އެމެރިކާގެ ބަޔަކަށްވާތީ އެމެރިކާ ޓީމުން ފުރުސަތު ނުލިބޭ ކުޅުންތެރިން ގުއާމް ޓީމަށް ކުޅޭ.
ޕީޓަ ސެގާޓް

ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ ބުނީ މާލޭގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅުންތެރިން އެއްކޮށް މަސައްކަތް ކޮށްފިނަމަ މި މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރެވޭނެ ކަމަށެވެ. އެކަަމަކު އެކަން ކާމިޔާބުވާނީ ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށާއި، ގުއާމް ކުޅުންތެރިން ކުޅޭނީ ފިޒިކަލް ގޭމެއް ކަމުން، މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންވެސް ވަރުގަދަކޮށް ކުޅެން ޖެހޭނެ ކަމަށް ބުންޏެވެ.

މާދަމާގެ މެޗަކީ އަސްލު ވަރަށް ފަސޭހަކަމާއެކު ކާމިޔާބުކުރެވޭނެ މެޗެއް. އެކަމަކު ވަރަށް ބުރަ މަސައްކަތް އެއީ. ފިލިޕީންސް ކުޅުންތެރިންނަށްވުރެ ތަންކޮޅެެއް ފިޒިކަލީ ވަރުގަދަ ގުއާމް ކުޅުންތެރިން. އެމީހުން ކުޅެނީވެސް ފިޒިކަލް ގޭމެއް. އެދުވަހުވެސް ރާއްޖޭގެ ބައިވަރު ކުޅުންތެރިންނަށް އަނިޔާވި. ކަން ދިމާކުރާގޮތުން ކޮންމެ މެޗެއްގަވެއް މިހުންނަ ރެފްރީ ހަމަ ވަރަށް ގޯސް. މާދަމާ ރަނގަޅު ރެފްރީއެއް ހުރެ ރަނގަޅު ނިންމުންތަކެއް ނިންމާނެ ކަމަށް މި ބަލަނީ.
އަކުރަމް އަބްދުލް ޣަނީ

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މާދަމާ ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް ރާއްޖެ ނުކުންނައިރު، ރާއްޖޭގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޒުވާން މިޑްފީލްޑަރު އައިސަމް ވަނީ ސަސްޕެންޑް ވެފައެވެ.

ރާއްޖެ އާއި ގުއާމް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4:00 ގައެވެ.