ސަރުކާރަށް އަހަރެއް ފުރިގެންދިޔައިރު ސިއްހީ ދާއިރާއިން ހޯދިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ މެދުނުކެނޑި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ސިއްހީ ހިދުމަތް ފޯރުކޮށްދެވުން ކަމަށް ހެލްްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ އަމީން ވިދާޅުވީ ރަށުގައި ހުންނަ އެންމެ ޑޮކްޓަރަކު ޗުއްޓީއަށް ދިޔުމުން މިހާރު ކަންބޮޑުވާންނުޖެހޭ ކަމަށެެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައި ހުންނަ ގޮތުންނާއި އާބާދީއަށް ބަލާއިރު ގިނަ ފަހަރަށް ރަށްތަކުގައި ހުންނަނީ އެންމެ ޑޮކްޓަރެއް ނުވަތަ އެންމެ ލެބް ޓެކްނީޝަނެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެއިން މީހަކު ބަލިވެއްޖެ ހާލަތެއް އައި ކަމުގައިވިޔަސް ނުވަތަ ޗުއްޓީއަށް ދިޔަ ކަމުގައިވިޔަސް އިހަށް ކުރިމަތިވިފަދަ މައްސަލަތައް މިހާަ ކުރިމަތިނުވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ތަރައްގީ ކުރަމުންދާ ޓާޝަރީ ހޮސްޕިޓަލުތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވިދާޅުވީ ރަށެއްގައި ހުންނަ ޑޮކްޓަރަކަށް ނުވަތަ ލެބް ޓެކްނީޝަނަކަށް ވެސް ހިދުމަތް ފޯރުކޮށްނުދެވޭފަދަ ހާލަތެއް އައި ކަމުގައިވިޔަސް މިހާރު އެރަށެއް ހުންނަ ސަރަހައްދަކުން ލިބެން ހުންނާނެކަމަށެވެ. އަދި ފަސް ހޮސްޕިޓަލް ތަރައްގީ ކުރަމުންދާއިރު އެންމެބޮޑު ސަމާލުކަމެއް ދެމުންދަނީ، އެތަރައްގީ ކުރެވޭ މައި ހޮސްޕިޓަލެއް މެދުވެރިކޮށް ކައިރި ރަށްތަކުގައި ހުންނަ ހޮސްޕިޓަލުތަކުން ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަހަރު ކުރިއަށް އެޅުނު އެންމެ ބޮޑު ފިޔަވަޅަކީ ހިދުމަތް މެދުނުކެނދި ރައްޔިތުންނަށް ހިދުމަތް ދެވޭނެ އިންތިޒާމެއް އައުން. އެގޮތުން މިފަސް ހޮސްޕިޓަލްތަކާއި، އަތޮޅު ހޮސްޕިޓަލްތައް އަދި ސަރަހައްދީ ހޮސްޕިޓަލްތަކާއި ދެންވެސް ހުރި ހޮސްޕިޓަލްތައް މެދުވެރިކޮށް ހުރިހާ ރަށަކަށް ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުން. "
ހެލްްތު މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، 24 ގަޑިއިރު ހިދުމަތް ދޭ ތަނެއްކަމުގައިވާނަމަ މަދުވެގެން ދެ ޑޮކްތަރުން ތިބޭނެ ގޮތަށް ސިޔާސަތު ބަދަލުކޮށް އެކަން ކުރުމުގެ މަސައްކަތް ކުރެވިގެން ދިޔަކަން ވަނީ ފާހަގަކުރައްވާފައެވެ. އަަދި ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާ ހޮސްޕިޓަލުތަކުގައި، އެ ހޮސްޕިޓަލުތަކުގެ ހިދުމަތަށް ބޭނުންވާ ޑޮކްޓަރުންނާއި، ލެބް ޓެކްނީޝަނުންނާއި އެހެނިހެންވެސް ފަންނީ ބޭފުޅުން ތިއްބަވާނީ އެ ހޮސްޕިޓަލާއި ކައިރި ހިސާބުތަކުގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒަށް ބޭނުންވާ މިންވަރަށްކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެކަށީގެންވާ މިންވަރަށް ފެންވަރު ރަނގަޅު ޑޮކްޓަރުން ނުލިބުމަކީ އަބަދުވެސް ސިއްހީ ދާއިރައަށް ދިމާވެފައިވާ އެއްމެބޮޑު ގޮންޖެހުންކަމަށް ސިއްހީ ދާއިރާގެ ބޭފުޅުންވެސް ގަބޫލުކުރެއެވެ. އަދި ރަނގަޅު ޑޮކްޓަރުން ލިބުން މަދުވަނީ މަސައްކަތާއި ތަޖުރިބާއާ އެއްވަރުގެ މުސާރައެއް ނުދެވޭތީ ކަމަށް މީގެ ކުރިން ވީނިއުސްއަށް ދެއްވި ބައެއް އިންޓަވިއުތަކުގެ ހެލްތު މިނިސްޓްރީގެ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ސިއްހީ ދާއިރާގެ އޮނިގަނޑު ދިރާސާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ޕޮލިސީ ލެވެލްގައި ގެނެވޭނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަންވެސް ހެލްތް ސެކްޓާގެ ބޭފުޅުން ފާހަގަކުރައްވައެވެ.