ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާއި ގުޅޭގޮތުން މަރުކޮމިޝަންގެ ތަހުގީގަށް އަދީބާއި ގުޅޭގޮތުން ދިއްގަރުދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ދެއްވާފައިވާ ބަޔާނަކީ ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއްގައި ދީފައިވާ ބަޔަނެއް ކަމާށް އަދީބްގެ އާއިލާއިން ބުނެފިއެވެ.

ގޮތްނޭންގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނަށް ނާޒިމް ދެއްވި ބަޔާނުގައި އަދީބުއަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

އެގޮތުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ކާރުކޮޅުގައި ބޮމެއް ހަރުކޮށްގެން އެމަނިކުފާނު އަވަހާރަކޮށްލައްވަން އަދީބު މަސައްކަތް ކުރެއްވި ކަމަށާއި، ރާއްޖެ ޓީވީ ރޯކޮށްލުމަށް ފަހު މިޝަން އެކޮމްޕްލިޝްޑް އޭ ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފޯނުން މެސެޖް ކުރެއްވި ކަމަށް ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ނާޒިމް ދެއްވި ބަޔަނުގައި ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި އަދީބުގެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރިޔާސީ ކޮމިޝަނަށް ނާޒިމް ދެއްވި ބަޔާނަކީ ސިޔާސި ގޮތުން ބަދަލުހިފުމުގެ ރޫހެއްގައި ދެއްވާފައިވާ ޒާތީ ތައައްސަބުން ފުރިގެންވާ ޒިންމާދާރުކަންކުޑަ ބަޔާނެއް ކަމަށެވެ. އަދި އަދީބުގެ ނަން ބޭނުން ކޮށްގެން ނާޒިމް ދައްކަވާފައިވާ ވާހަކަތަކަކީ ސާބިތު ނުހިފޭ ދޮގުވާހަކަތަކެއް ކަމަށްވެސް އަދީބުގެ އާއިލާއިން ބުނެއެވެ.

އަދީބުއަކީ އެއްވެސް އިރެއްގައި ރައީސް މުހައްމަދު ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދޭން އުޅުއްވި ބޭފުޅެއް ނޫންކަމަށްވެސް އެ ބަޔާނުގައިވެއެވެ. އަދި ރާއްޖެ ޓީވީ އާއި ގުޅޭގޮތުން ނާޒިމް ދައްކަވާފައިވާ ވާހަކަ ތަކަކީވެސް ދޮގެއް ކަމަށާއި، އެ ބަޔާނަކީ އަދީބުއާއި މެދު ނަފްރަތު އުފައްދަން ދެއްވާފައިވާ ބަޔާނެއްކަމުގައި އާއިލާއިން ދެކޭކަމަށްވެސް ބުނެފައިވެއެވެ.

އަދީބުގެ އާއިލާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ކުރިޔަށް އޮތްތަނުގައި ސިޔާސީ މަންފާ ހޯދަން އަދީބުގެ ނަން ބޭނުން ނުކުރުމަށާއި، ހުރިހާ މައްސަލަތަކެއްގައި ހުރިހާ ފަރާތްތަކުން ސިޔާސީ ގޮތުން ގުރުބާން ކުރާ ކަންބަޅިއަކަށް އަދީބު ނުހެދުމަށް ވެސް އާއިލާގެ ފަރާތުން އިލްތިމާސް ކުރާކަމަށެވެ.