ރަސްދޫ ފުޓުބޯޅަ އެކަޑަމީއަށް މިދިޔަ ސެޕްޓެމްބަރ މަހު ދެ އަހަރު ފުރުމުގެ ގޮތުން ފުޓުބޯޅަ ފެސްޓިވަލެއް ބާއްވައިފިއެވެ.

ރަށުގައި ފުޓުބޯޅަ ދިރުވައި އާލާކުރުމުގެ އިތުރުން ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ފެށި މި ފުޓުބޯޅަ އެކަޑަމީއަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ފެސްޓިވަލެއް ވަނީ ބާއްވާފައެވެ.

ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރަސްދޫ ފުޓުބޯޅަ އެކަޑަމީން ހޮވާލެވުނު ޓީމަކާއި، މާލޭގެ އަރލީ ޓަޗް ފުޓުބޯޅަ އެކަޑަމީ (އީޓީއެފްއޭ) އާއެކު ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މި މެޗު 2-1 އިން ކާމިޔާބުކުރީ އީޓީއެފްއޭ އެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އެކަޑަމީއާއި ދެކޮޅަށް ރަސްދޫ އެކަޑަމީން ވަނީ އުއްމީދީ ކުޅުމެއް ދައްކާފައެވެ.

ރަސްދޫއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން މި މެޗު ބަލަން އެއްވިއިރު މި އެކަޑަމީއަކީ ރަސްދޫގައި އެންމެ ކާމިޔާބުކަމާއެކު ހިންގާ އެކަޑަމީކަން ފާހަގަކޮށްލެވެއެވެ. މި މެޗު ޝަރަފްވެރިކޮށްދެއްވީ ކުލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން އެވެ. މީގެއިތުރުން ތޮއްޑޫ ދާއިރާގެ މެމްބަރ ހަސަން ޝިޔާން ވެސް ވަނީ ބަައިވެރިވެފައެވެ.

ރަސްދޫ އެކަޑަމީގައި ހަ އަހަރުން ފެށިގެން 12 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވެއެވެ. މި އެކަޑަމީއަށް އެންމެބޮޑު އެހީއެއް ވެދޭ އެއް ފަރާތަކީ މިހާރު ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ހުރި އިސްމާއިލް އާސިފް( ކުޑަހީނާ) އެވެ. އީޓީއެފްއޭގެ ކާމިޔާބީގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއްވާ ހީނާ ކޯޗުގެ ބޮޑު އެހީތެރިކަމެއް މި އެކަޑަމީއަށް ލިބިގެންދިޔައެވެ.

ކޯޗު ސުޒެއިން ބުނީ، ރަސްދޫ ފުޓުބޯޅަ އެކަޑަމީއަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ރާއްޖޭގައި ޓެކްނިކަލް ޑެވެލޮޕްމެންޓުން ފެނުނު އެންމެ މޮޅު ކޯޗު ކުޑަ ހީނާގެ ލަފައާއި އިރުޝާދު ލިބުން ކަމަށެވެ. އަދި ކުޑަހީނާ ކޮށްދެމުން އަންނަ މަސައްކަތަށް ޝުކުރު ހައްގުވާ ކަމަށާއި، ރަނގަޅު ވަސީލަތެއް ނެތި ދެ އަހަރު ތެރޭގައި ރަސްދޫ ފުޓުބޯޅަ އެކަޑަމީން ތަފާތު ފެނުމަކީ އުފަލެއް ކަމަށްވެސް ސުޒެއިން ބުންޏެވެ.

ރަސްދޫ ފުޓުބޯޅަ އެކަޑަމީ ވުޖޫދަށް އައިސްފައިވަނީ 09 ސެޕްޓެމްބަރ 2017 ވަނަ އަހަރެވެ.