އެކުވެރިކަމުގެ މެޗެއްގައި މިރޭ އުރުގުއޭ އަތުން ފަހުވަގުތު އާޖެންޓީނާ ސަލާމަތްވެއްޖެ އެވެ.

އިސްރާއީލުގެ ވެރިރަށް ތެލްއަވީވުގައި މިރޭ ކުޅުނު މެޗު ނިމުނީ 2-2 އިން ދެ ތީމު އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ އެގާރައިގައި އާޖެންޓީނާއިން ވަނީ ކެޕްޓަން ލިއޮނެލް މެސީ އާއެކު ޕައުލޯ ޑިބާލާ ހިމަނާފައެވެ.

މުޅި މެޗުގައިވެސް ރަނގަޅަށް ކުޅުނީ އާޖެންޓީނާ އިންނެވެ. އެކަމަކު މެޗުގައި އުފެއްދި ފުރަތަމަ ހަމަލާގައި އުރުގުއޭއިން ވަނީ ލީޑު ނަގާފައެވެ. 34 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލް ކާމިޔާބުކޮށްދިނީ ފޯވާޑް އެޑިންސަން ކަވާނީ އެވެ. މިއީ ގައުމީ ޓީމަށް ކަވާނީ ޖަހައިދިން 50 ވަނަ ގޯލެވެ.

މުޅި މެޗު ޑޮމިނޭޓުކޮށްގެން ކުޅުނު އާޖެންޓީނާއިން ނަތީޖާ އެއްވަރުކުރީ 63 ވަނަ މިނެޓުގައެވެ. ލިއޮނެލް މެސީ ހުރަސްކޮށްދިން ބޯޅައަކުން މި ގޯލް ޖެހީ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. އެކަމަކު އޭގެ 6 މިނެޓު ފަހުން ލުއިސް ސުއަރޭޒް ވަނީ ހިލޭ ޖެހުމަކުން ދެވަނަ ފަހަރަށް އުރުގުއޭއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން އާޖެންޓީނާ ސަލާމަތްވީ ފަހުވަގުތު ލިބުނު ޕެނަލްޓީންނެވެ. އުރުގުއޭގެ ޑިފެންޑަރު ކަސެރެސްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އާޖެންޓީނާއަށް ޕެނަލްޓީއެއް ދިންއިރު، މެސީ ވަނީ މި ޕެނެލްޓީ ކާމިޔާބުކޮށް އާޖެންޓީނާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މިރޭގެ މެޗުން އާޖެންޓީނާ އެއްވަރުވިއިރު، މި ފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ބްރެޒިލް އަތުން ބަލިވި މެޗަށްފަހު އަދި މިހާތަނަށް މެޗަކުން އާޖެންޓީނާ ބަލިވެފައެއް ނުވެއެވެ. ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ އެ އިދާރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން މެސީއަށް ދިން ތިން މަހުގެ ސަސްޕެންޝަނަށް ފަހު އޭނާ އަލުން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ބްރެޒިލް އަތުން 1-0 އިން މޮޅުވެފައެވެ.