މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލާއި އެކްސްޕޯޓް ކުރި މުދަލުގެ ނިސްބަތް މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު، އިތުރުވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮކްޓޯބަރުމަހު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު 16 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި އިމްޕޯޓް ކުރި މުދަލުގެ އަގު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފަ އެވެ.

އެގޮތުން، މިދިޔަ އޮކްޓޯބަރު މަހު 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައި ވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިމްޕޯޓްކޮށްފައި ވަނީ 4.2 ބިލިއަން ރުފިޔާގެ މުދަލެވެ. އޮކްޓޫބަރު މަހު ރާއްޖޭން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ އެފްއޯބީ އަގު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 16 އިންސައްތަ އިތުރުވެފައިވާއިރު، މި އަހަރުގެ އޮކްޓޫބަރު މަހު 298 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓު ކޮށްފައި ވަނީ 257 މިލިއަން ރުފިޔާގެ މުދަލެވެ.

ފާއިތުވިމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރުންނެވެ. ޗައިނާ އިން 744 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ޔޫއޭއީ އިން 743 މިލިއަން ، އަދި ސިންގަޕޫރުން 557 މިލިއަން ރުފިޔާގެ މުދާ ނިމިދިޔަ އޮކްޓޯބަރު މަހު ވަނީ އެތެރެކޮށްފަ އެވެ.

އޮކްޓޫބަރު މަހު އިމްޕޯޓް އަދި އެކްސްޕޯޓް ކުރި މިންވަރު އިތުރުވުމުގެ ސަބަބުން އެ މުއްދަތުގައި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވެސް އިތުރުވެފައިވާކަމައް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ނަމަވެސް، އެއީ 0.37 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރުގެ އޮކްޓޫބަރު މަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް 288 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނީ 287 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.