ޔޫރޯ ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި އާރްމީނިއާ އަތުން 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިޓަލީ މޮޅުވެއްޖެ އެވެ.

މިއީ ކޮލިފައިން މެޗެއްގައި މިހާތަނަށް އިޓަލީން ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވިއިރު، އެޓީމުގެ ކޯޗުގެ މަގާމާ ރޮބާޓޯ މަންޗިނީ ހަވާލިފަހުން އެގައުމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން މިފަހަރުގެ ކޮލިފައިންގައި އިޓަލީ ކުޅުނު 10 މެޗުން ވެސް ވަނީ މޮޅުވެފައެވެ.

ރޭގެ މެޗުގައި ފީފާ ރޭންކިންގެ 89 ވަނައިގައި އޮތް އަރްމީނިއާ ކޮޅަށް އިޓަލީގެ ޗީރޯ އިމޯބިލޭ އާއި ނިކޮލަ ޒަނިއޯލޯ، މި ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލް ޖަހާފައެވެ. އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ ނިކޯލޯ ބަރެއްލާ، އަލެސިއޯ ރޮމަނޯލީ، ޖޯޖީނިއޯ، ރިކާޑޯ އޮރްސޮލީނީ އަދި ފެޑެރީކޯ ޗިއޭސާ އެވެ. މި މެޗުގައި އަރްމީނިއާގެ ހަމައެކަނި ގޯލު ޖެހީ އެޑްގާ ބަބަޔާން އެވެ.

މި މޮޅާއެކު އިޓަލީ ގްރޫޕް ޖޭ ނިންމާލީ އެއްވަނައިގައި 30 ޕޮއިންޓާއެކު އެވެ. ޔޫރޯއަށް ކޮލިފައިވެފައިވާ ފިންލެންޑް ދެވަނައިގައި އޮތީ 18 ޕޮއިންޓާއެކު އެވެ. އަދި ތިންވަނައިގައި އޮތް ގްރީސްއަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.

މީގެ އިތުރުން ކޮލިފައިންގައި ރޭ ޖިބްރޯލްޓާ 6-1 އިން ބަލިކޮށް ސްވިޒަލެންޑް ވަނީ އަންނަ އަހަރުގެ ޔޫރޯ އިން ފުރުސަތު ހޯދައިފަ އެވެ. އަދި އަޔަލެންޑާ 1-1 އިން އެއްވަރުކޮށް ޑެންމާކް ވެސް ވަނީ ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

އެހެންކަމުން މިހާތަނަށް އަންނަ އަހަރުގެ ޔޫރޯއިން 19 ގައުމެއް ވަނީ ޖާގަ ހޯދާފައެވެ. އެއީ ސްވިޒަލެންޑް، ޑެންމާކް، ޕޯޗުގަލް، ސްޕެއިން، ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ޔޫކްރޭން، ރަޝިއާ، ޗެކް ރިޕަބްލިކް ފިންލެންޑް، ސްވިޑްން، ކްރޮއޭޝިއާ، އޮސްޓްރިއާ، ނެދަލެންޑްސް އަދި ޖަރުމަން އެވެ.