ދައުލަތުގެ މުޅި ޓެކްސް ނިޒާމް ފުރިހަމަވެގެންދާނީ އިންކަމް ޓެކްސް ނެގިގެން ކަމަށާއި، އޭގެ ސަބަބުން ޓެކްސް އަށް މަކަރުހެދުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް ކިނބިދޫދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދި ނާޝިޒް ވިދާޅުވެއްޖެއެވެ.
މާލިއްޔަތި ކޮމެޓީގެ މުގައްރިރު އަދި މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރު ނާޝިޒު ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ޓެކްސް ނިޒާމް ފުރިހަމަ ކުރުމަށް އިންކަމް ޓެކްސްގެ މުހިންމުކަން ބޮޑުކަމަށެވެ. އަދި އެކައުންޓިބިލިޓީއަށް ބަލާއިރު ޑިވިޑެންޓްގެ ގޮތުގައި ލިބޭ ފައިދާ ނުވަތަ އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީ އެކައުންޓް ކުރެވިގެންދާނެ ކަމަށެވެ.
ނާޝިޒު ވިދާޅުވީ އިންކަމް ޓެކްސް ނަގަން ފެށުމުން، ޓެކްސް އަށް މަކަރު ހަދައި އޮޅުވާލުމުގެ ފުރުސަތު ވަރަށްބޮޑަށް ހަނިކުރެވޭނެ ކަމަށެވެ.
މީގެ އިތުރަށް ނާޝިޒް ވިދާޅުވީ އިންކަމް ޓެކްސް ނަގާއިރު ސަރުކާރުން ވިސްނަންޖެހޭނެ ކަމަށާއި، އަދި އެކަމަށް ވަރަށްބޮޑަށް ވިސްނަވާނެ ކަމަށްވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި މަޖިލީހުންވެސް އެކަމަށް ވަރަށްބޮޑަށް ވިސްނާނެ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ޓެކްސް ނެގޭނެ ބްރެކްޓް އެކުލަވާލާފައިވާގޮތުން އެ ބްރެކެޓްގެ ތެރެއިންް ޓެކްސް ނެގޭނީ 3 ނޫނީ 2 އިންސައްތައިގެ އާބާދީއަކުން ކަމަށެވެ. ނަމަވެސް އެ މިންގަނޑުގައި އޮތްކަމުގައިވާނަމަ އޭގެ އަސަރު އެހާބޮޑަށް ފެނިގެން ނުދާނެ ކަމަށާއި، އެހެންކަމުން ޓެކްސް ނަގާ ބުރެކެޓް އޮންނަންވާނީ އިގްތިސޯދަށް ކުރިއެރުން އަންނާނެ މިންވަރެއްގައި ކަމަށްވެސް ނާޝިޒް ވިދާޅުވިއެވެ.
އިންކަމް ޓެކްސް ނަގަން ފަށާއިރު ގާތްގަނޑަކަށް 6،000 މީހުންގެ އަތުން އެ ޓެކްސް ނެގޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. ޢާމްދަނީން ޓެކްސް ނެގުމުގެ މި ބިލް ފަރުމާކޮށްފައިވާ ގޮތުން މަހެއްގެ މައްޗަށް 40،000 ރުފިޔާއަށް ވުރެ މަތިން ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި %8 ނަގަންޖެހެއެވެ.
ނަމަވެސް އެމްޑީޕީން އެޖެންޑާ 19 ގައި ވެފައިވާ ވަޢުދުގައި ވަނީ މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ މަތިން ލިބޭ މީހުންގެ އަތުން %3.5 އިންކަމް ޓެކްސް ނެގުމަށެވެ. އެހެންކަމުން އެކަމާއިމެދު ގޮތްތަކެއް މަޖިލީހުގެ ތެރެއިން ނިންމުމަށް ދަނީ މަޝްވަރާކުރަމުންނެވެ.