އިންކަމް ޓެކްސް ނެގުމުގެ ބިލާ ބައެއް ފަރާތްތަކުން ދެކޮޅު ވަނީ އެ ބިލަކީ ނުހައްގު މުއްސަނދިކަން ހޯދަން އެޅޭ ހުރަހަކަށް ވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އާމްމަދަނީން ޓެކްސް ނެގުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ހުސައިން މުހައްމަދު ވިދާޅުވީ މިހާރު ޑްރާފްޓް ކޮށްފައިވާ އިންކަމް ޓެކުސްގެ ބިލަކީ އޭގެން ރައްޔިތުންނަށް ވެސް އަދި ވިޔަފާރިވެރިންނަށް ވެސް އެއްވެސް ގެއްލުމެއް ވާނެ ބިލެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މެންބަރު ހުސައިން ވިދާޅުވީ އިންކަމް ޓެކްސްގެ ބިލު ބައްޓަން ކޮށްފައިވާ ގޮތަށް ބަލާއިރު އެ ބިލަކީ ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާ ކުރުވަނިވި ބިލެއް ކަމަށެވެ. އަދި ބިލާއި ދެކޮޅަށް ބައެއް ބޭފުޅުން ވާހަކަދައްކަވަނީ ރައްޔިތުންނަށް މަންފާ އާއި ލާބަ ލިބުމަށް ނޭދޭތީ ކަމަށް ވެސް ހުސައިން މުހައްމަދު ދީދީ ވިދާޅުވިއެވެ.

އިންކަމް ޓެކްސްއާއި އިދިކޮޅުވާ ފަރާތްތައް އިދިކޮޅުވާ ކަމަށް އަޅުގަނޑަށް ފެންނަނީ އެބޭފުޅުންނަށް ނުހައްގު މުއްސަނދިކަން ހޯދުމަށް އެޅޭ ހުރަހަކަށް ވާތީ، އިންކަމް ޓެކުހުގެ މި ދަލުގައި ޖެހިދާނެތީ އެކަމާ ބިރުން، އެ ލާރިތައް ފޮރުވާނެ ގޮތެއް ނޭނގިގެން އެކަމާ ކަންބޮޑުވާ ކަންބޮޑުވުމެއް ކަމަށް ފެންނަނީ
މެމްބަރު ހުސައިން މުހައްމަދު ދީދީ

މި ބިލަށް ބަހުސް ކުރެއްވި އިތުރު ބައެއް މެމްބަރުން ވެސް ވިދާޅުވީ، އިންކަމް ޓެކްސްގެ ބިލް ވެގެންދާނީ ނުހައްގު މުއްސަނދިކަމާއި އެފަދަ ވައްކަންތަަކުގެ ދޮރު މުޅިން ބަންދުވާ ބިލަކަށް ކަމަށެވެ.

އެގޮތުން ވާނުވާ ނޭނގި ވަގަށް ހޯދާފައި ހުންނަ މުއްސަނދިކަމާއި ބެހޭ ގޮތުން ސުވާލުކޮށް ތަހުގީގު ކުރުމުގެ ކުރުމުގެ ފުރުސަތު މި ބިލުން ލިބިގެންދާނެ ކަމަށާއި އެ ފައިސާއިން ވެސް ޓެކްސް ނެގޭނެ ކަން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ބިލުގެ ސަބަބުން ގެއްލުންވާނީ ހަމަ އެކަނި އެފަދަ ފައިސާ ގެންގުޅޭ މީހުންނަށް ކަމަށާއި ގެއްލުންވާނެ އިތުރު ބަޔަކު ނެތް ކަންވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މި ބިލާއި އެކު މުޅި ދުނިޔޭގައިވެސް އިންކަމް ޓެކްސް އެންމެ ކުޑަކޮށް ނަގާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދާނެކަމަށް މެމްބަރުން ވިދާޅުވިއެވެ.

ބިލްގައި ވާ ގޮތުން، އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް އާމްދަނީ 40،000ރ. އަށް ވުރެ އިތުރުވާ ބައިންނެވެ. މި ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ފަހު، އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ. ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ގައި ބަލައިގަތީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.