އެކިއެކި ކުށްތަކުގައި ހައްޔަރުކުރެވޭ ކުޑަކުދިން، ބަންދުގައި ތިބޭ ބޮޑެތި މީހުންނާ ވަކިން ބައިތިއްބާނެ އިންތިޒާމް ހަމަޖައްސަންޖެހޭކަމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ކުޑަކުދިންނަށްކުރާ އަނިޔާއާއި ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހާއި ގުޅިގެން، ހިއެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޤާނޫނާއި ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށުގެ ވެއްޓާ ދުރުހެލިކޮށް، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް ކަނޑައެޅިފައިވާ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާކަމަށެވެ. އަދި އަނިޔާ ލިބޭ ކުދިންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ވެސް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރަށް އެޗްއާރުސީއެމް އިން ބުނެފައި ވަނީ، ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ތަޙުޤީޤު މަރުޙަލާ ލަސްވެ، މައްސަލައިގެ ހެކި ގެއްލި، އިންސާފު ހޯދައިދިނުމަށް ހުރަސްއެޅޭކަން ފާހަގަކޮށް، އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ.

އެގޮތުން އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުދިންނަށް އިންސާފު ނުލިބޭ މައްސަލަތައް މުރާޖަޢާކޮށް، އެފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ޤާއިމުކުރަން ޖެހޭކަމަށާއި، ކުޑަކުދިންނަށްކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޑަކުދިންނަށްކުރާ އަނިޔާއާއި މެދު އާންމުން ހޭލުންތެރިކޮށް، ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ބާރުއެޅުމާއި އަނިޔާއިން ކުޑަކުދިން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކުރުން ކަމަށްވެސް ބަޔާނުގައިވެއެވެ.

އެޗްއާރުސީއެމް އިން ބުނެފައި ވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ ޢަދުލުގެ ބިލު ފާސްވެގެންދިއުމަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު ހެޔޮ ބިންގަލެއްކަމުގައިވެސް ވަނީ ބުނެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި ކުޑަކުދިންނަށްކުރާ އަނިޔާގެ ގިނަ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކަށް ހުށައެޅިފައިވާއިރު، އެޗްއާރުސީއެމަށް ހުށައެޅޭ މައްސަލަތަކުގެތެރޭގައި، އެންމެ ބޮޑަށް ފާހަގަކުރެވެނީ އާއިލާގެ ފަރާތުންވާ އިހުމާލާއި، ކުޑަކުދިންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާ އާއި، އާއިލާގެ ފަރާތުންނާއި ނުދަންނަ ފަރާތްތަކުން ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށާއި މީގެއިތުރަށް، ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވުމާއި، ކުޑަކުދިންނަށް ގަނާ ކުރާކަމަށް ބުނެ ހުށަހަޅާ މައްސަލަތަކެވެ.

ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި މީޑިއާއިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށް، ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލު ކަމަށްވައިރު، އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް ލިބެންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ދިނުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށްދެކި، އެކުދިންނަށް ރައްކާތެރިކަންދިނުމަށް މައިންބަފައިން އަދި މުޖުތަމަޢުއިން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއްކުރުމަށް ވެސް، އެންމެހާ ފަރާތްތަކަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވަނީ އިލްތިމާސްކޮށްފައެވެ.