އަންނަ އަހަރަށް ލަފާކުރާ 2020ގެ ބަޖެޓަށް މެންބަރުން ބަހުސްކޮށް ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓަށް ޖުމްލަ 21 ގަޑިއިރު ބަހުސް ކުރަން ނިންމައި ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއްދެއްވައިގެން ބަހުސް ފެއްޓެވީ މިމަހުގެ 12ވަނަ ދުވަހުއެވެ.

މަޖިލީހަށް ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި 2020ގެ ބަޖެޓަށް 16 ގަޑި އިރާއި 54 މިނެޓް ބަހުސްކުރެއްވި އިރު، ބަހުސް ކުރައްވާފައި ވަނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެންބަރުންގެ ތެރެއިން 76 މެންބަރުންނެވެ. އެގޮތުން 7 މެންބަރުން ފިޔަވައި ހުރިހާ މެންބަރުންވެސް ވަނީ ބަޖެޓަށް ބަހުސްކުރައްވާފައެވެ.

މަޖިލީހުގައި ބަޖެޓް ބަހުސް ކުރިއަށްގެންގޮސްފައިވާއިރު، ބަޖެޓް ކޮމެޓީގެ 16 ބައްދަލުވުން ބާއްވައި، ޖުމްލަ 19 ގަޑިއިރާއި 37 މިނެޓް ކޮމެޓީން ވަނީ ބަޖެޓް ދިރާސާކުރުމުގައި ހޭދަކުރައްވާފައެވެ.

މަޖިލީހުން ބަޖެޓް ބަހުސް ކުރިއަށްގެންދަވާފައި ވަނީ، މަޖިލީހުގެ ގަވައިދު ބުނާގޮތުން، ބެޖެޓް ހުށަހެޅުމުން 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ. އަދި މެންބަރުން ބަހުސްގެ މަރުހަލާގައި ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބުދެއްވަމުމަށް ފިނޭންސް މިނިސްޓަރަށް ފުރުސަތު ދެއްވަން ޖެހޭއިރު، ބަހުސް މަރުހަލާގައި ފިނޭންސް މިނިސްޓަރ ވަނީ މަޖިލީހުގައި މެންބަރުންގެ ނުކުތާތަކަށް ޖަވާބުދެއްވާފައެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން، ދައުރު ނިމުމުގެ 7 ދުވަސް ކުރިން، ބަޖެޓާއި މެދު ގޮތެއް ނިންމަން ބަޖެޓް ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހެއެވެ. އެހެންކަމުން އެ މުއްދަތުގައި މަސައްކަތް ކުރުމަށް މަސައްކަތުގެ ސުޕީޑް އަވަސްކުރުމަށް، މެންބަރުން ކުރެއްވެވި ބަހުސްގެ ޔައުމިއްޔާ މިއަދު ބަޖެޓް ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުގެ އިދާރީ މޭޒުން މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމެޓީން ދިރާސާކޮށް ރިޕޯޓް ތަޅުމަށް ފޮނުއްވެވުމުން، ކޮމެޓީ ރިޕޯޓަށް ބަހުސްކުރަން އަނެއްކާވެސް ކޮންމެ މެންބަރަކަށް 7 މިނެޓް ވަގުތު އަރުވަންޖެހެއެވެ. އަދި ދައުރު ނިމުމުގެ ކުރިން ޑިސެންބަރު 8 ގައި ބަޖެޓްގެ މަސައްކަތް ނިންމޭނެކަމަށް ލަފާކުރެއްވޭ ކަމަށް ރިޔާސަތުން ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ނިންމަވާލެއްވުމަށްފަހު، ދައުރު ނިންމައި މެންބަރުންނަށް ޗުއްޓީއަށް ވަޑައިގެންނެވޭނެ ކަމަށް، ލަފާކުރެވެނީ ޑިސެންބަރު މަހުގެ ކުރީކޮޅުގައި ކަމަށްވެސް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވީ، 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.