މޯލްޑިވްސް ބިޒްނަސް އެވޯޑު 2019 ގެ ޓައިޓްލް ސްޕޮންސަރަކަށް މިއަހަރުވެސް އެސްޓީއޯ ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑް 2019 ގެ ޓައިޓްލް ސްޕޮންސަރަކަށް ވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެވޯޑް އިންތިޒާމްކުރާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެގްޒެކެޓިވް ސެކްރެޓަރީ މަރިޔަމް ޕަރްވީން އަބްދުލް ފައްތާހެވެ. ބްލޭޒަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ހަސަން އަބްދުﷲ ހިލްމީއެވެ.

މިއީ އެސްޓީއޯއިން މި އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށްވާ ދެވަނަ އަހަރެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑު 2018 ގެ އެންމެ ކާމިޔާބު ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެލައިޑް އިންޝުއަރަންސް އެވެ.

ވިޔަފާރި ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ބިޒްނަސް އެވޯޑެއް ތައާރަފުކުރީ މިދިޔަ އަހަރެވެ.

މިދިޔަ އަހަރުގެ އެވޯޑަށް 185 ފަރާތުން ކުރިމަތިލީއިރު، މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ހަޔާތީ އަރުތައިގެ އިނާމު ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު މިދިޔައަހަރު ލިބިލެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމަށެވެ.