ކޮންމެ ގައުމެއްގެވެސް ޒުވާނުންނަކީ އެ ގައުމެއްގެ މުސްތަގުބަލެވެ. ގައުމު އެބައެއްގެ މައްޗަށް ބިނާވާ ބަޔަކީ ޒުވާނުންނެވެ. އެހެންކަމުން ޒުވާނުން ވެފައިވަނީ ކޮންމެ ސަރުކާރަކުންވެސް އެބަޔަކަށް ހާއްސަ އިސްކަމެއްދޭ ބަޔަކަށެވެ. އެގޮތުން ބަލާއިރު ނިމިދިޔަ ސަރުކާރުންވެސް ޒުވާނުންނަށް ވަޒީފާތައް ހޯދައިދިނުމަށާއި ހަރުދަނާ ބަޔަކަށް ހެދުމަށް ގިނަ ވައުދުތަކެއްވެ މަސައްކަތްތަކެއް ކޮށްފައިވާއިރު މިސަރުކާރުވެސް އައިސްފައިވަނީ ހަމަ އެފަދަ ވައުދުތަކަކާއި އެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވައުދުތަކަށް ބަލާއިރުވެސް މިގައުމުގެ ކުރިމަގު އުޖާލާ ކުރުމަށް ޒުވާނުންގެ މުސްތަގުބަލް ހަރުދަނާ ކުރުމަށް، މި ގައުމުގެ ޒުވާނުންނަކީ ހަރުދަނާ މަސައްކަތްތެރި ތައުލީމީ ޒުވާނުންތަކަކަށް ހެދުމަށް ގިނަ ވައުދުތަކެއް އެމަނިކުފާނު ވަނީ ވެވަޑައިގެންފައެވެ.

ޒުވާނުންނަށް ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކަށް ބަލާއިރު، މި ދާއިރާއިން އެމަނިކުފާނު ވަނީ ޖުމްލަ 11 ވައުދެއް ވެވަޑައިގެންފައެވެ. މި 11 ވައުދުގެ ތެރެއިން ޒުވާނުންނަށް އަމާޒުވާ ވައުދުތަކުގެ ތެރޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ މަތީ ތައުލީމު ފޯރުކޮށްދިނުމުގެ ވައުދާއި، ހަޔާ އެޗީވާސް ސްކޮލާޝިޕް ސްކީމް މުރާޖާއާ ކުރުމުގެ ވައުދުގެ ފާހަގަކޮށްލެވެއެވެ.

މީގެއިތުރަށް މަތީ ތައުލީމަށް ދޫކުރާ ލޯނުތައް އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާގޮތަށް ރިވިއު ކުރުމާއި ޖީސީ އޯލެވެލް އަދި އޭލެވެލް އިން އެއްވަނަ ހޯދާ ދަރިވަރުންނަށް ބޭނުން ކޮންމެ ޔުނިވާސިޓީއަކުން މަތީ ތައުލީމު ހާސިލްކުރުމުގެ ވައުދުވެސް ފާގަގަކޮށްލެވެއެވެ.

ސަރުކާރުގެ ފުރަތަމަ އަހަރު ފުރިހަމަވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ތައުލީމީ ދާއިރާއިން ވެވަޑައިގެންފައިވާ ހުރިހާ ވައުދެއްވެސް ފުރިހަމަ ކުރައްވާފައިވާކަމީ އެމަނިކުފާނު މި ގައުމުގެ ކުރިމަގާއި މުސްތަގުބަލު ކަމުގައިވާ ޒުވާނުންނަށް އިސްކަން ދެއްވާ މިންވަރު ހާމަވެގެންދާ ކަމެކެވެ.

( ދ. ހުޅުދެލި ، 17 އޮކްޓޯބަރު 2019 ) -- ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރާއްޖޭގައި މަސްތުވާ ތަކެތީގެ މައްސަލަތައް އާންމުވެފައިވާއިރު ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މަސްތުވާ ތަކެއްޗާއި ގޭންގް މާރާމާރީތަކުގައި ޒުވާނުން ޝާމިލްވަމުންދާ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިފަދަ މަގުތައް ބަންދުކޮށް ކޮންމެ ޒުވާނަކީވެސް ހަރުދަނާ ރަނގަޅު ވަޒީފާއެއްގައި ގައުމަށްޓަކައި ޚިދުމަތެއް ކޮށްދޭ ދިވެހި ދަރިއަކަށް ހެދުމަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ސަރުކާރުގެ ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ވަނީ ގާއިމުކޮށްފައެވެ.

މީގެއިތުރަށް ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް އެކަމަށް ބޭނުންވާ ހާއްސަ ތަމްރީނުތައްވެސް ސަރުކާރުގެ ފުރަތަމަ އެއް އަހަރުގެ ތެރޭގައި ދީފައިވާކަން ފާހަގަކޮށްލެވެ.

ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާކުރުމަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް 8500، އާއި 9000 އާ ދެމެދުގެ އަދަދެއްގެ ވަޒީފާ އުފައްދާފައިވާކަން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ރާއްޖެގައި ވަޒީފާ ނުލިބިފައި ތިބިި މީހުންނަށް ބަލާއިރު ވަކި ކަހަލަ ވަޒީފާއެއް ނޫނީ އަދާކުރަން ބޭނުން ނުވާ މީހުން އެބަތިބި ކަމަށެވެ. އެހެންނަމަވެސް ހަލާލު އާމްދަނީއެއް ލިބޭ ކޮންމެ ވަޒީފާއަކީވެސް އިއްޒަތްތެރި މަސައްކަތެއްކަމީ މިހާރު އެންމެންވެސް ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

ޖޮބް ސެންތަރު އިފްތިތާހުކުރުމުގެ ރަސްމިއޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސަމާއިލް ވާހަކަފުޅުދައްކަވަނީ

ޒުވާނުންނަކީ ހަރުދަނާ މަސައްކަތްތެރި ބަޔަކަށް ހެދުމަށް ވަޒީފާ ހޯދައިދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ޖޮބް ސެންޓަރުގެ ނަމުގައި އިފްތިތާހު ކުރެވުނު އޮންލައިން ޕޯޓަލްއެވެ.

މި ޕޯޓަލްގެ ޒަރިއްޔާއިން ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރާއި މީހުން ބިނާކުރަންވީ ދާއިރާތަކުގެ އިތުރަށް، އިތުރު ވަޒީފާތައް އުފައްދަންވީ ދާއިރާތައްވެސް ފަސޭހައިން އެނގިގެންދާއިރު މި ޕޯޓަލްކީ ޒުވާނުންނަށް ވަޒީފާ ހޯދުމަށް ވަރަށްވެސް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ޕޯޓަލެކެވެ.

ސަރުކާރުން މިހާތަނަށް ޒުވާނުންނަށްޓަކައި ކޮށްފައިމިވާ މަސައްކަތަކާއި ވަޒީފާތައް ފޯރުކޮށްދީފައިވާ މިންވަރަށް ބަލާއިރު މިގައުމުގެ މުސްތަގުބަލު ކުރިޔަށް ފެންނަން އޮތީ ވަރަށްވެސް އުޖާލާކޮށްކަމީ އާންމުންގެ ގިނަ ބަޔަކުވެސް ގަބޫލުކުރާ ހަގީގަތެކެވެ. އެގޮތުން ވަޒީފާއެއް ނެތި ތިބުމަކީ ޒުވާނުން މަގުފުރެދުމުގައި އެންމެ އިސް ދައުރެއް ކަމަށް ބެލެވޭއިރު ކޮންމެ ޒުވާނަކީވެސް ވަޒީފާ އަދާކުރާ މަސައްކަތްތެރި ބަޔަކަށް ހެދުމުގެ ވައުދު މިސަރުކާރަށް ފުރިހަމަ ކުރެވިއްޖެނަމަ މިގައުމުގެ ކުރިމަގު ވަރަށްވެސް ފުރިހަމަ ވެގެންދާނެއެވެ.