ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މިއަދު ހަވީރު ގުއާމް އަތުން ރާއްޖެ މުހިންމު މޮޅެއް ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގާއި ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، ނާއިޒް ހަސަން (ދާދު) އަދި އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ހިމަނާފައެވެ. ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގައި މި ތިން ކުޅުންތެރިން އަރުވާފައިވަނީ ދެވަނަ ހާފުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ރާއްޖެއިން ލީޑު ނެގީ 24 ވަނަ މިނެޓުގައެވެ. ދަގަނޑޭ ނަގައިދިން ކޯނަރަކުން މި ގޯލް ޖަހައިދިނީ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ. މިއީ މިފަހަރުގެ ކޮލިފައިންގައި ސަމުއްޓެ ކުޅުނު ދެވަނަ މެޗެވެ. މީގެ ކުރިން ސަމުއްޓެ ކުޅެފައިވަނީ ރަށުން ބޭރުގައި ސީރިއާއާ ދެކޮޅަށެވެ.

ސަމުއްޓެ ރާއްޖެއަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ މިނެޓެއް ފަހުން ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ސަމުއްޓެ ވަނީ ބަދަލުކޮށްފައެވެ. ރާއްޖެއިން ފުރަތަމަ ހާފުގައި ލީޑު ފުޅާކުރީ 37 ވަނަ މިނެޓުގައެވެ. ސަމުއްޓެގެ ބަދަލުގައި ކުޅެންއެރި ހައިޝަމް ހަސަން ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ވަނީ ގުއާމްގެ ޓްރަވިސް ނިކްލޯ އަތުން ބައިކޮޅަށެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން 4 ވަނަ މިނެޓުގައި ގުއާމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖޯން މަޓްކިން އެވެ. ދެވަނަ ހާފުގައި ގުއާމުން ރަނގަޅަށް ކުޅުނު ނަމަވެސް، 90 ވަނަ މިނެޓުގައި ދަގަނޑޭ ކާމިޔާބުކޮށްދިން ގޯލާއެކު ރާއްޖެެއިން ވަނީ މެޗުން 3 ޕޮއިންޓު ކަށަވަރުކޮށްފައެވެ.

މި ނަތީޖާއާއެކު ރާއްޖެ ވަނީ އެއް މެޗު އިތުރަށްކުޅެ ޗައިނާ އާއި ފިލިޕީންސްއާ އެއް ޕޮއިންޓު ގާތަށް ޖެހިލާފައެވެ. ކޮލިފައިންގައި ރާއްޖެ އޮތް ގްރޫޕް އޭގެ އެއްވަނައިގައި ސީރިއާ އޮތީ 4 މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޗައިނާއިން ވަނީ 4 މެޗުން 7 ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނައިގައި އޮތް ފިލިޕީންސް ވެސް ވަނީ 4 މެޗުން 7 ޕޮއިންޓް ހަމަކޮށްފައެވެ. ހަތަރުވަނައިގައި އޮތް ރާއްޖެއަށް 5 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮލިފައިންގައި މިރޭ ރާއްޖެ ގަޑިން 7:00 ގައި ސީރިއާ އިން ފިލިޕީންސާ ދެކޮޅަށް ނުކުންނާނެއެވެ.