އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހަދާފައިވާ ޔަހޫދީ އާބާދީތަކަކީ ބައިނަލްއަގްވާމީ ގަރާރުތަކާއި، މުއާހަދާތަކާއި ގަވާއިދުތަކާ ޚިލާފް އާބާދީތަކެއް އެމެރިކާއިން މިހާރު ނުދެކޭ ކަމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއި އިޢްލާން ކުރައްވައިފިއެވެ.

ޕޮމްޕެއި ވިދާޅުވީ، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހަދާފައިވާ އާބާދީތަކުގެ މައްސަލާގައި އެމެރިކާއިން އަމަލުކުރަމުން އައި އުސޫލުތައް ލުއިކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މާނައަކީ، އެ އާބާދީތަކަކީ ގަވާއިދާ ޚިލާފް އާބާދީތަކެއް ކަމަށް އެމެރިކާއިން ނުދުށުމެވެ.

އެގޮތުން، ހިފާފައިވާ ބިންތަކުގައި ހަދާފައިވާ ޔަހޫދީ އާބާދީތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް އާބާދީތަކެއް ކަމަށް ކަނޑައަޅައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް ނުވަތަ ޚާރިޖިއްޔާއިން 1978 ވަނަ އަހަރު ނިންމާފައިވާ ނިންމުމަށް އަމަލު ނުކުރާން ސަރުކާރުން ނިންމާފައިވާ ކަމަށްވެސް މައިކް ޕޮމްޕެއި ވިދާޅުވިއެވެ.

އދއިން ފާސްކޮށްފައިވާ އެތައް ގަރާރަކާއި މުއާހަދާއަކުން، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހަދާފައިވާ އަދި ހަދަމުންދާ ޔަހޫދީ އާބާދީތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް އަބާދީތަކެއް ކަމަށް ކަނޑައަޅާފައި ވެއެވެ. އދއިން އެންމެފަހުން އެފަދަ ގަރާރެއް ފާސްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.

އެމެރިކާ ސަރުކާރުގެ ނިންމުން އިޢްލާން ކުރުމާއެކު، ފަލަސްތީނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކަން ކުށްވެރި ކުރަމުން އެބަގެންދެއެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުންވެސް އެކަން ކުށްވެރި ކުރަމުން އެބަގެންދެއެވެ.

ތަރުޖަމާނެއް މެދުވެރިކޮށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ، ބައިނަލްއަގްވާމީ ގާނޫނުތައް މުގުރާލުމުގެ އެއްވެސް އިޚްތިޔާރެއް އަދި ބާރެއްވެސް އެމެރިކާގެ ރައީސަށް ލިބިގެން ނުވާ ކަމަށެވެ. އިސްރާއީލުން ގަވާއިދާ ޚިލާފަށް ހަދާފައިވާ އަބާދީތަކަކީ ސައްހަގޮތުން ބިނާކޮށްފައިވާ އަބާދީތަކެއް ކަމަށް ކަނޑައެޅުމުގެ އެއްވެސް ހައްގެއްވެސް ޓްރަމްޕަށް ލިބިގެން ނުވާކަމަށެވެ.

އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވީ، އެމެރިކާގެ ނި ނިންމުމަކީ ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ނިންމުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މެދުއިރުމަތީގެ ސުލްހައަށް ހުރަސްއެޅިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އދއިންވެސް ވަނީ އެމެރިކާގެ ނިންމުން ކުށްވެރިކޮށްފައެވެ. އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާގެ ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތައް ތަންދޭ ކަމެއްނޫންކަމަށެވެ. އދގެ މަގާމު އެކަމުގައި ބަދަލުނުވާނޭ ކަމަށެވެ.

އަނެއްކޮޅުން، ޔޫރަޕްގެ އިއްތިހާދުންވެސް ބުނެފައިވަނީ، އިސްރާއީލުން ހަދާފައިވާ އާބާދީތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ބިނާކޮށްފައިވާ އާބާދީތަކެއް ކަމަށާއި، އީޔޫގެ ސިޔާސަތު އެކަމުގައި ބަދަލުނުވާނޭ ކަމަށެވެ.

އިރުމަތީ ގުދުސްވެސް ހިމެނޭގޮތުން، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ހަލައްކައަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރި ކޮށްފައި ވެއެވެ. އެބިންތަކުގައި ތިން މިލިއަނަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ދިރިއުޅެމުން ގެންދެއެވެ.

ފަލަސްތީނު-އިސްރާއީލު ސުލްހައަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީވެސް މި ޔަހޫދީ އާބާދީތަކުގެ މައްސަލައެވެ.

އެމެރިކާގެ ރައީސްކަމަށް ވަޑައިގެންނެވިފަހުން ޑޮނަލްޑް ޓްރަމްޕްވަނީ އިސްރާއީލު ކޮޅަށް ޖެހިވަޑައިގެން އެތައްކަމެއް ކުރައްވާފައެވެ. އެގޮތުން، މުޅި ދުނިޔެއާ ދެކޮޅަށް އިރުމަތީ ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޓްރަމްޕްވަނީ ބަލައިގެންފައެވެ. އަދި އެމެރިކާގެ އެމްބަސީވެސް ގުދުސްގައި ވަނީ ހުޅުވާފައެވެ. މިމައްސަލާގައި ފަލަސްތީނު ސަރުކާރުންވަނީ އެމެރިކާއާ ހުރިހާ ގުޅުމެއް ކަނޑާލާފައެވެ.

އެހެންކަމުން، ޔަހޫދީ އާބާދީތައް އެމެރިކާއިން ބަލައިގަތުމަކީ އަނެއްކާވެސް ނަތަންޔަހޫއަށް ޓްރަމްޕް ދެއްވި ހަދިޔާއެއް ކަމަށް މުހައްލިލުން ސިފަކުރައްވައެވެ.

އެމެރިކާ ސަރުކާރުގެ ނިންމުމަށް ނަތަންޔާހޫ ވަގުތުންވަނީ މަރްހަބާ ކިޔާފައެވެ.

ޓްރަމްޕްގެ ސަރުކާރުން އިސްރާއީލަށް އެތައް ކަމެއް ކޮށްދެމުން ގެންދާއިރު، ފަލަސްތީނަށް ގެންދަނީ ނިކަމެތިކަން ދެމުންނެވެ. ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދގެ އޭޖެންސީއަށް އެމެރިކާއިން ދެމުން އައި މާލީ އެހީތެރިކަންވެސް ޓްރަމްޕްވަނީ މިދިޔަ އަހަރު ކަނޑާލައްވާފައެވެ.ޔ