ސްރީލަންކާގެ ރައީސްކަމުގެ ހުވާ އިއްޔެ ކުރެއްވި ގޮޓަބާޔަ ރާޖަޕަކްސަގެ ވެރިކަމުގައި އިންޑިއާއާމެދު ގެންގުޅުއްވާނެ ސިޔާސަތަކާމެދު އެތައް ފަރާތަކުން ބަހުސްކުރަމުން އެބަގެންދެއެވެ. އަނެއްކާވެސް ފެނިގެންދާނީ އިންޑިއާއާ ދުރުހެލި ސިޔާސަތެއްތޯއާ މެދުގައެވެ.

އެންމެނަށްވެސް އެނގޭކަމަކީ، ރާޖަޕަކްސަގެ އާއިލާއާއި ޗައިނާއާ ގާތްގުޅުންތަކެއް އޮންނަކަމެވެ. ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައިވެސް ފެނިގެންދިޔައީ އެ ގުޅުމުގެ ގާތްކަމެވެ. އިންޑިއާއާ ދުރިހެލި، ޗައިނާއާ ގާތް ގުޅުންތަކެއް ބޭއްވި ސިޔާސަތެވެ.

މިހެން ކަންއޮތްނަމަވެސް، އިއްޔެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ގޮޓަބާޔަ ރާޖަޕަކްސަ ގެންގުޅުއްވަފާނެ ސިޔާސަތަކާމެދު އިންޑިއާ ފިކުރު ބޮޑުވެފައިވަނީ އަދި އެހެން ކަމަކާއެވެ. އެއީ، އާ ރައީސްގެ ޒައާމަތުގައި ޕާކިސްތާނާ ގާތް ގުޅުންތަކެއް ބާއްވަފާނެ ކަމަށް ބެލެވޭ މައްސަލައިގައެވެ.

ސްރީލަންކާގެ އައު ރައީސް ގޮޓަބާޔަ ރާޖަޕަކްސަ:

ގޮޓަބާޔަ ރާޖަޕަކްސަ ސްރީލަންކާގެ ޒުވާން އޮފިސަރެއްގެގޮތުގައި ހުންނެވިއިރު، 1970 ގެ އަހަރުތަކުގައި އަސްކަރީ ތަމްރީނު ކޯހެއް ފުރިހަމަ ކުރެއްވުމަށް ފޮނުވުނީ ޕާކިސްތާނަށެވެ. އެދުވަސްވަރަކީ، ޕާކިސްތާނާއި ސްރީލަންކާއާ ދެމެދު ގާތް ގުޅުންތަކެއް އޮތް ދުވަސްވަރެވެ.

ގޮޓަބާޔަ ރާޖަޕަކްސަ ސްރީލަންކާގެ ދިފާއީ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު، ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގެ އެންމެފަހު ފިޔަވަހީގައި ޕާކިސްތާނު އަސްކަރިއްޔާގެ މަދަދު ސްރީލަންކާ އަސްކަރިއްޔާއަށް ލިބުނު ކަމަށް ބުނެވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ގޮޓަބާޔަ ރާޖަޕަކްސަ ކާމިޔާބު ކުރެއްވުމާއެކު، ގޮޓަބާޔައަށް މަރްހަބާ ކިއުމަށް ޕާކިސްތާނުން އަވަސްވެގަތީވެސް އޭނާއާ ޕާކިސްތާނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށް ވެއެވެ. ހަމަ އެއާއެކު، ޕާކިސްތާނާމެދު ސްރީލަންކާގެ ސަރުކާރުން ނިންމާފައިވާ ބައެއް ކަހަލަ ނިންމުންތައް، ގޮޓަބާޔަ ރާޖަޕަކްސަގެ ވެރިކަމުގައި އުވާލައްވާނެކަމުގެ އުންމީދުވެސް ޕާކިސްތާނުން ފާޅުކުރިއެވެ.

ސްރީލަންކާގެ އައު ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާއާ ބައްދަލު ކުރައްވަނީ:

ސްރީލަންކާގެ ބޮޑުވަޒީރުކަމުގައި މިވަގުތު ހުންނެވި ރަނިލް ވިކްރަމަސިންހަގެ ވެރިކަމުގައި ޕާކިސްތާނާ ދެކޮޅު ސިޔާސަތުތަކެއް ގެންގުޅުއްވާފައިވާ ކަމަށް ބުނެވިދާނެއެވެ. ކަޝްމީރުގެ މައްސަލާގައި ސްރީލަންކާއިން އިންޑިއާއަށް ތާއީދުކުރިއިރު، 2016 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާކް ސަމިޓްވެސް ސްރީލަންކާއިން ބޮއިކޮޓް ކޮށްފައި ވެއެވެ. ސާޖިތު ޕްރެމަދާސަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިނަމަ ޕާކިސްތާނާއި ސްރީލަންކާގެ ގުޅުން އިތުރަށް ހީނަރުވެގެން ދާނެކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެހެންކަމުން، އެންމެންގެ ލޯތައްވެސް މިވަގުތު އަމާޒުވެފައިހުރީ، ގޮޓަބާޔަ ރާޖަޕަކްސަގެ ވެރިކަމުގައި ޕާކިސްތާނާމެދު ގެންގުޅުއްވާނެ ސިޔާސަތާ މެދުގައެވެ. ގޮޓަބާޔަގެ ވެރިކަމުގައި ބޮޑުވަޒީރުކަމުގައި ރަނިލް ނުބަހައްޓަވާނެ ކަމަށް ވެއެވެ. ބަދަލުގައި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަކަމަށް ބެލެވިފައި ވެއެވެ. އެހެންވެ، ޕާކިސްތާނުން އުންމީދު ކުރަނީ ރަނގަޅު ގުޅުމަކަށެވެ.

އާ ރައީސްކަމަށް ގޮޓަބާޔަ ރާޖަޕަކްސަ އިންތިޚާބުވެވަޑައި ގަތުމާއެކު، އިންޑިއާއިންވެސް ބުނެފައިވަނީ ދެގައުމުގެ ދެމެދުގައި ރަނގަޅު ގުޅުންތަކެއް ބާއްވާނޭ ކަމަށް އުންމީދުކުރާ ކަމަށެވެ. ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ކަން ހިނގިގޮތަށް ކަންކަން އޮތުމަށް ނޭދޭ ކަމަށްވެސް އިންޑިއާއިން ބުނެފައި ވެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖެއިޝަންކަރު (ކ) ކޮޅުނބުގައި ސްރީލަންކާގެ އައު ރައީސް ގޮޓަބާޔަ ރާޖަޕަކްސައާ މިއަދު ބައްދަލު ކުރައްވަނީ:

ސްރީލަންކާއާއެކު އޮންނަ ގުޅުން ރަނގަޅުވާން އިންޑިއާއިން ބޭނުންވާ މިންވަރު ހާމަވެގެންދިޔައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖެއިޝަންކަރު ވަރަށް ކުއްލިގޮތަކަށް މިއަދު ސްރީލަންކާއަށް ވަޑައިގަތުމުންނެވެ. އަދި މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ޚާއްސަ ދައުވަތަކަށް ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މިމަހުގެ 29 ވަނަ ދުވަހު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހުމުންނެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ގޮޓަބާޔަ ރާޖަޕަކްސަވަނީ، އޭނާގެ ވެރިކަމުގައި ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ ގޮތާމެދު ސުރުޚީ އަޅުއްވާފައެވެ. ވިދާޅުވީ، އޭނާގެ ވެރިކަމުގައި ގެންގުޅުއްވާނީ ވަކިފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ކަމަށެވެ.