މާލޭގައި ކުނިއުކާލުމުގެ މަސައްކަތުގައި އުޅުނު ވެމްކޯގެ މުވައްޒަފެއްގެ ބޮލުގައި މީހަކު ކުނިކޮތަޅުން ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ، މިކަން ހިނގާފައިވަނީ މިރޭ 7:45 އެހާއިރު ކަމަށެވެ.

މާލޭގެ ފަނޑިޔާރު މަގުގައި ހުންނަ ގެއަކުން ކުނި ހިފައިގެން ނުކުތް ފިރިހެނަކު ވެމްކޯގެ މުވައްޒަފުގެ ބޮލުގައި ކުނިކޮތަޅުން ޖަހާފައިވަނީ، އެ ގެއަކީ ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވާ ގެއަކަށްނުވާތީ ވެހިކަލްއަށް ކުނި ނޭޅޭނޭކަމަށް މުވައްޒަފު ބުނުމުން ކަމަށް ވެއެވެ.

ކުނި ކޮތަޅުން ޖެހުމަށްފަހު އެމީހާވަނީ ފިލާފައެވެ.

"ނޮވެމްބަރ 19 ވަނަ ދުވަހުގެ 19:45 އެހައިރު ފަނޑިޔާރު މަގުގައި ހުރި ގެއަކުން ނުކުތް ފިރިހެނަކު (ވެމްކޯގައި ރަޖިސްޓަރީ ނުކޮށް) ވެމްކޯގެ ވެހިކަލްއަށް ކުނި އަޅަން އުޅުމުން، އެކަން ނުކުރާން އެތާހުރި ވެމްކޯގެ މުވައްޒަފެއް ބުނުމުން، އެމީހާ ކުނި ކޮތަޅުން ވެމްކޯ މުފައްޒަފުގެ ބޮލުގައި ޖެހުމަށްފަހު ދިޔަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވޭ. މިމައްސަލަ ފުލުހުން ދަނީ ބަލަމުން"
ފުލުހުން

މިކަންކުރި މީހާގެ ނަމެއް، އަދި އެމީހާ ކުނިކޮތަޅު ހިފައިގެން ނުކުތީ ފަނޑިޔާރު މަގުގެ ކޮން ގެއަކުންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކުނިކޮތަޅުގެ ހަމަލާ އަމާޒުވީ ވެމްކޯ މުވައްޒަފުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. ފޮޓޯއިން ފެންނަ ގޮތުގައި ހަމަލާ އަމާޒުވި މުވައްފަކީ އުމުރުން ދުވަސްވީ މީހެކެވެ.

ވެމްކޯ މުވައްޒަފުގެ ބޮލުގައި ޖެހުމުގެ ސަބަބުން ކުނިކޮތަޅު ފަޅައިގެންގޮސް މަގުމައްޗަށް ކުނިތައް ވިއްސައިގެންގޮސްފައި - ފޮޓޯ: ސޯޝަލް މީޑިއާ

އަދި އޭނާގެ ބޮލުގައި ޖެހުމުގެ ސަބަބުން ކުނިކޮތަޅު ފަޅައިގެންގޮސް މަގުމައްޗަށް ކުނިތައް ވިއްސައިގެން ގޮސްފައިވާ މަންޒަރު ފެންނަ ފޮޓޯތައްވެސް ދައުރުވަމުން އެބަދެއެވެ.

މިއީ، މާލޭގައި ކުނި އުކާލުމުގެ މަސައްކަތުގައި އުޅެނިކޮށް ވެމްކޯގެ މުވައްޒަފަކަށް މިބާވަތުގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިންވެސް މީހަކުވަނީ ވެމްކޯގެ މުވައްޒަފެއްގެ ގައިގައި މަގުމަތިން ތަޅައިގެންގައެވެ. ފުލުހުން ފަހުންވަނީ އެމީހާ ހައްޔަރުވެސް ކޮށްފައެވެ.