ބަރުލަމާނީ ނިޒާމުގެ ވޭނާއި ހޫނު ދިވެހިން ވަނީ ތަޖުރިބާ ކޮށްފައި ކަމަށާއި އެ ނިޒާމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބަޔަކު ދެއްކިޔަސް އެއީ ގޯހެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް ވިދާޅުވީ އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ މިނިވަންކަމެއް ކަމަށާއި އެހެން ނަމަވެސް ސިޔާސީ ބެލެންސެއް އޮތުމަކީ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި އޮންނަންވާ އެއް އަސާސް ކަމުގައެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް މިފަދައިން ވާހަކަ ދައްކަވައިފައިވަނީ މިހާރަކަށް އައިސް އަނެއްކާވެސް ބަރުލަމާނީ ނިޒާމެއްގެ ފިކުރެއްގެ ތެރެއަށް ގެންދިއުމަށް ވާހަކަ ދައްކާ ބަޔަކު އެކަން ކުރިއެރުވުމަށް މަސައްކަތްކުރާކަމުގެ އަޑުތައް އިވެމުންދާތީ އުސޫލީ ހަމަތަކުގެ މައްޗަށް އަލިއަޅުވައިލައްވަމުންނެވެ.
ބަރުލަމާނީ ނިޒާމަކީ، ރައްޔިތުންގެ އަތްމަތީގައި އޮންނަ މުހިންމު އިޚްތިޔާރެއް، އެމީހުންގެ އަތްމަތީން އަތުލައި އެ ހައްގު ވަކި ބައެއްގެ މުށުތެރެއަށް ވައްދައި ނުވަތަ ޑިމޮކްރަސީގައި އޮންނަ ރިޔާސީ ނިޒާމު ފުނޑުފުނޑުކޮށްލާ ނިޒާމެއް ކަމަށް އެންމެންވެސް ގަބޫލުކުރާ ނިޒާމެކެވެ. ސަބަބަކީ އެފަދަ ނިޒާމެއްގައި އޮންނަ ހަމައަކީ ރައްޔިތުންގެ މަޖިލީހުން ހޯދާ އަޣުލަބިއްޔަތަކުން ވެރިއަކަށް ހުންނަވާ ބޭފުޅަކު ފެނުކައްކާ ބޮއްޔަކަށް ހަދައިލުމެވެ. އަދި ރައީސެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކީވެސް އެފަދަ ބޭފުޅަކަށް ހަދައި ވެރިކަމުގެ ނިޒާމުގެ ތެރެއިން އެބޭފުޅަކު ފަރުދާގެ ފުރަގަހަށް ވައްޓައިލުމެވެ.
އެއާއި ޚިލާފަށް ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ބާރު އޮންނަ ރައްޔިތުންގެ ވެރިކަމެއް ހިންގާ ސަރުކާރެއް އޮތުމެވެ. އަދި އެފަދަ ނިޒާމެއްގައި ޑިމޮކްރަސީގެ ހަމަތަކުގެ ތެރޭގައިވާ 3 ބާރު މިނިވަންކަމާއި އެކު މަސައްކަތްކުރާ އުސޫލުތައް ހަމަޖެހިފައި އޮތުމެވެ.
ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި މަޖިލީހަށް އިންތިޚާބު ކުރެވޭ ބޭފުޅުންގެ އަތްޕުޅުމައްޗަށް ރައްޔިތުންގެ ސަރުކާރު ބީވެގެން ދަނީ ކަމުގައެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކޮށް ޕާޓީގެ ސިޔާސަތު ވަރުގަދަ ކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅަށް ފާޑުކިޔާ ފަރާތްތަކަށް ގާސިމް ވަނީ ރައްދު ދެއްވައިފައެވެ. ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. ނަމަވެސް އެކަން ކަނޑައަޅާނީ ޕާޓީގެ މެމްބަރުން ކަމަށާއި އެކަމަށްޓަކާ ޕާޓީގެ ދުސްތޫރަށް އިސްލާހު ގެނައުމުގެ މަސައްކަތް ޖުމްހޫރީ ޕާޓީން ކުރަމުން ގެންދާ ކަމަށެވެ.
ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ހުންނަވާނީ ބޮޑުވަޒީރެއް ކަމަށާއި ރައީސަކަށް ހުންނަވާ ބޭފުޅަކީ އާރެއް ބާރެއްނުވާ ރަމްޒީ ބޭފުޅެއް ކަމަށެވެ. އަދި ބޮޑުވަޒީރަކު ނަގާނީ ރައްޔިތުންގެ މަޖިލީހުން އެއިރަކު ލިބޭ އަޣުލަބިއްޔަތެއްގެ މައްޗަށް އެކަން ހޯދާ ޕާޓީއަކުން އެކަނި ކަމަށެވެ. އަދި އެ ބޭފުޅަކީ ދާއިރާއެއް ތަމްސީލުކުރާ އެންމެ ކުޑަ އާބާދީއެއް އޮންނަ ދާއިރާއެއްގެ ބޭފުޅަކަށްވެސް ވެދާނެ ކަމަށެވެ. އެހެންވީމާ މުޅި ރާއްޖޭގެ ރައްޔިތުންގެ ނިންމުމެއް ނޯންނާނެ ކަމުގައެވެ.
އެފަދަ ވެރިކަމަކަށް ދައުލަތުގެ ނިޒާމު ބަދަލުވެގެން ދިއުމަކީ ސަރުކާރެއްގެ ހުރިހާ ވުޒާރާތައްވެސް މަޖިލީހުން ލިބޭ މުސާރަ ނަންގަވާ ބޭފުޅުންނަށް ލިބިވަޑައިގެން އެ ވުޒާރާގެ މުސާރަވެސް ނަންގަވާ ބޭފުޅުންނަކީވެސް މެމްބަރުންނަށް ވެގެންދާ ނިޒާމެކެވެ.
ގާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގައި ރައީސެއްގެ ބާރު އޮވެމެ ބޮޑުވަޒީރަކު ކަނޑައެޅުއްވުމުން ވީގޮތް ދިވެހި ރައްޔިތުންގެ ގިނަބަޔަކު ދެކިވަޑައިގެންފައިވާނެ ކަމުގައެވެ.
ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ގޮސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ބަޔަކު ޕްރައިމް މިނިސްޓަރަކު ނެގީމާ ރައްޔިތުންނަށް ލިބޭނީ އެހެން ވަޒީފާތަކެއް ކަމަށެވެ. އަދި ވަޒީރުންނާއި ހުރިހާ ނައިބުންނަކީ މަޖިލިސް މެމްބަރުންނަށްވެ ޢިލްމާއި ޙިލްމު ހޯއްދަވައިގެންތިއްބެވި އަގު ނުކުރެވޭފަދަ ޚިދުމަތްތެރީން ބޭކާރުވެ ނުވަތަ ބޭރު ގައުމުތަކުގެ އެކިއެކި ވަޒީފާތަކުގައި ތިބޭ ދުވަސްތައް ފެނިގެންދާނެ ކަމަށެވެ. އަދި ކެބިނެޓަށް ވަޑައިގެންނެވޭ ބޭފުޅަކީ ރައްުޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިގެން ނޫނީ ވަޑައިނުގެންނެވޭނެ ބޭފުޅެއް ކަމުގައެވެ.
އެބާވަތުގެ ނިޒާމެއްގައި ރައްޔިތުން ވެގެންދާނީ ދެރަމަސް ހޮނޑަލި ކާން އުޅޭ މިސާލަށެވެ.
ޖުމްހޫރީ ޕާޓީން އަންގާރަ ދުވަހުގެރޭ އެޕާޓީއާއި އަލަށް ގުޅިވަޑައިގަތް ބޭފުޅުންގެ މެމްބަރޝިޕް ފޯމް ޙަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ބޭރު ގައުމުތަކުން ޝަރަފާއި އިއްޒަތް ހޯއްދަވައިފައިވާ ބޭފުޅުންނާއި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި މުވާސަލާތީ ވުޒާރާގެ ވަޒީރު މުހައްމަދު މަލީހު ޖަމާލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިކަލޭގެ މިވާހަކަ ދައްކަން ލަދެއް ނުގަނޭތަ؟ މިހާރު ރައްޔިތުން ވައްޓާލާފައިވާ އަނދަވަޅު ކުޑައީތަ؟