ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި އިއްޔެ ގުއާމް އަތުން 3-1 އިން މޮޅުވުމާއެކު ހުރިހާ ކަމެއް ބަދަލުވެފައިިވާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

އިއްޔެ ގުއާމް އަތުން މާލޭގައި ރާއްޖެ މޮޅުވިއިރު، ރޭ ފިލިޕީންސް އަތުން 1-0 އިން ސީރިއާ ވަނީ މޮޅުވެފައެވެ. މި ނަތީޖާއާއެކު ރާއްޖެ ވަނީ ޗައިނާ އާއި ފިލިޕީންސްއާ އެއް ޕޮއިންޓު ގާތަށް ޖެހިލާފައެވެ. ކޮލިފައިންގައި ރާއްޖެ އޮތް ގްރޫޕް އޭގެ އެއްވަނައިގައި ސީރިއާ އޮތީ 5 މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޗައިނާއިން ވަނީ 4 މެޗުން 7 ޕޮއިންޓް ހޯދާފައިވާއިރު، ތިންވަނައިގައި އޮތް ފިލިޕީންސަށް 5 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް ރާއްޖެއަށް 5 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އިއްޔެގެ މެޗަށްފަހު ސެގާޓް ބުނީ މި ނަތީޖާއާއެކު ޗައިނާ އާއި ފިލިޕީންސާ ޕޮއިންޓަކާަ ގާތަށް ޖެހިލުމަކީ ބޮޑު ކާމިޔާބެއް ކަމަށާއި، މި އޮތް ގޮތުން ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތުވެސް ރާއްޖެއަށް އެބައޮތް ކަމަށެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެސް ނަސީބު އެހީވިނަމަ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށާއި އެކަމަކު މިހާރު ހާލަތު އޮތްގޮތުން އަނެއްކާވެސް އުއްމީދު އާވެގެން ގޮސްފި ކަމަށްވެސް ބުންޏެވެ.

މިމޮޅާއެކު ޗައިނާ އާއި ފިލިޕީންސްއާ ދެމެދު މިއޮތީ ޕޮއިންޓެއްގެ ފަރަގެއް. މި އޮތްގޮތުން ރާއްޖެއަށް ދެވަނަ ލިބި ވޯލްޑް ކަޕަށްވެސް ކޮލިފައިވުމުގެ ފުރުސަތެއް މިހާރު އެބައޮތް. ރާއްޖެއަށް ނަސީބު އެހީވި ނަމަ ސީރިއާ އަދި ފިލިޕީންސް އަތުންވެސް ޕޮއިންޓެއް ހޯދާ ތާވަލުގެ ރަނގަޅު ހިސާބަކު އޮވެވުނީސް. އެކަމަކު އަހަރނެ ްދެކޭ ގޮތުގައި މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައި.
ޕީޓަ ސެގާޓް

ގުއާމްގެ ކޯޗު ކާލް ޑޮޑް ބުނީ މުޅި މެޗުގައިވެސް ރަނގަޅަށް ކުޅުނީ އޭނާގެ ޓީމުން ކަމަށެވެ. އެގޮތުން ފުރަތަމަ ހާފުވެސ ްކޮންޓްރޯލް ކޮށްގެން ކުޅުނީ ގުއާމުން ކަމަށާއި، މެޗުން ބަލިވީ އެހެން މެޗުތަކެކޭވެސް އެއްގޮތަށް ހެދުނު ބައެއް ގޯސްތަކުގެ ސަބަބުން ކަމަށެވެ.

މި މެޗުގައިވެސް ރަނގަޅަށް ކުޅުނީ ގުއާމުން. ބަލިވީ ހެދުނު ގޯސްތަކެއް ސަބަބުން. ކޮންމެ މެޗަކަށް ވެސް ނުކުންނަނީ މޮޅުވާން. އެ އުއްމީދުގައި ކުރިއަށް އޮތް ތިން މެޗަށް ވެސް ނުކުންނާނީ. ޕްލޭއޮފް ބުރުގައި ހިމެނިގެން ވެސް އޭޝިއަން ކަޕް ކޮލިފައިން ތިންވަނަ ބުރަށް ދާން ބޭނުން.
ކާލް ޑޮޑް

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ މެޗުތައް ދެން އޮންނާނީ އަންނަ އަހަރު މާޗް މަހު އެވެ. އެގޮތުން މާޗް މަހުގެ 26 ވަނަ ދުވަހު ރަށުން ބޭރުގައި ރާއްޖެ ކުޅޭނީ ޗައިނާއާ ދެކޮޅަށެވެ.