އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްފާސްގެ ކޯޗުކަމުގެ މަގާމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޓޮޓެންހަމްގެ ކޯޗުގެ މަގާމުން ޕޮޗެޓީނޯ ވަކިކުރަން އެ ކްލަބުގެ ބޯޑުން ނިންމީ މި ސީޒަނުގައި އެޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން ފަސް އަހަރަށްފަހު ޕޮޗެޓީނޯ ވަކިކުރިއިރު، މިދިޔަ ސީޒަނުގައި އެއްވެސް ހަރަދެއް ނުކޮށް ޓޮޓެންހަމަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން އޭނާ ވަނީ ފުރުސަތު ހޯދާދީފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުންގެ ނޮމިނޭޝަނުގައިވެސް ހިމެނިފައެވެ. އެކަމަކު މި ސީޒަނުގައި ޓޮޓެންހަމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާއިރު، ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 14 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ 14 ވަނައިގައެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިކުރިއިރު، އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރެވެ. އޭނާ އެއްބަސްވުން އާކުރި މިދިޔަ އަހަރުގެ މެއި މަހުއެވެ.

ޕޮޗެޓީނޯ ހޯދަން މީގެ ކުރިންވެސް ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، ޔުވެންޓަސް އަދި ރެއާލް މެޑްރިޑް ހިމެނެ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރެއާލްއިން ޕޮޗެޓީނޯ އަށް 15 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހެޅި ނަމަވެސް، ޕޮޗެޓީނޯ ވަނީ އެ ބިޑް ބަލައިނުގަންނަށް އޭރު ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕޮޗެޓީނޯ ވަކިކޮށް ޓޮޓެންހަމުން ދެން މަސައްކަތް ކުރާނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި މޮރީނިއޯ ގެނައުމަށެވެ. ރިޕޯޓުތައް ބުނާގޮތުން މޮރީނިއޯ ވަނީ މީގެ ހަފްތާއެއް ކުރިން ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީއާވެސް ބައްދަލުކޮށްފައެވެ.