މަސައްކަތް ކުރަމުން މިދަނީ ތައުލީމީ ނިޒާމަށް އައު މޮޑެލެއް ތައާރަފު ކުރުމަށް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، އެރަށުގައި އެޅުމަށް ހަމަޖައްސާފައިވާ ޖޫނިއަރ ކޮލެޖުގެ މަސައްކަތްތަކާ ބެހޭގޮތުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެއްވުމުން މިނިސްޓަރ ވިދާޅުވީ ސާނަވީ އިމްތިހާނު ނިންމާ ފަސްހާހެއްހާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިމްތިހާނު ހެދުމަށް ސްކޫލްތަކަށް ނުވަތަ ކޮލެޖުތަކަށް ވަންނަނީ އެންމެ 35 އިންސައްތަ ދަރިވަރުން ކަމަށެވެ. އަދި ރާއްޖޭގެ އާބަދީގެ މަސައްކަތް ނުކުރާ މީހުންގެ އިންސައްތަ އުޅެނީ 30 އިންސައްތައަށްވުރެ މަތީގައިކަން މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު މަތީ ސާނަވީ އިމްތިހާން ކުރިއަށް ދަނީ އޭލެވެލް ސްކޫލުތަކާއި ޕޮލިޓެކްނިކުގައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ޖޫނިއަރ ސްކޫލު ފައްތާނީ މި ދެ ކެޓެގަރީގެ މެދަށް ކަމަށެވެ. އަދި ޖޫނިއަރ ސްކޫލް ހިންގާނީ ދެ ޕާތްވޭ ނުވަތަ ދެސްޓްރީމެއްގެ މައްޗަށް ކަމަށާއި ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމުގެ ބައިވެސް ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަތަމަ ޕާތުވޭ އަކީ ކިޔަވައިގެން އޭ ލެވެލްއ އެގްޒެމިނޭޝަނާ ހަމައަށް ދިޔުން. އަދި ދެވަނަ ޕާތުވޭ އަކީ ސެޓިފިކެޓް 4ގެ ސަނަދު ހާސިލުކޮށްގެން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ގޮތަކަށް ކިޔަވައިދިނުން"
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން

މިމަސައްކަތް މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ކަމަށާއި އެދުވަހުން ފެށިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތް ކުރުމަށް ބެލީ ވީހާވެސް ގިނަ ބަޔަކަށް ފައިދާ ކުރާނެ ގޮތަކަަށް މިމަސައްކަތް ކުރުމަށްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ނޭޝަނަލް ސްޓްރެޓިޖިކް ޕްލޭން އެކުލަވާލާފައިވުމާއެކު އެކަމަށްވެސް ރިއާޔަތް ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ވަކި ސަރަހައްދެއްގައި މިފަދަ ކޮލެޖުތައް ގާއިމްކުރާއިރު، އެސަރަހައްދެއް ވަކި ޚާއްސަ ސިނާއަތަކަށް ޚާއްސަ ވެފައިވާނަމަ އެސިނާއަތަކުން ތަމްރީންތައް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރަށް 2019 ވަނަ އަހަރުގެ ބަޖެޓުގައި މިކަމަށް ފައިސާ ކަނޑައަޅާފައިވިޔަސް އެއީ އެކަމަށް އެންމެ އެކަށީގެންވާ އަދަދެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވަށާ ފާރެއް ރާނައި، ނަން ބޯޑެއް ހަރުކުރުމުން އެކަން ނިމުނީކަމަށް ގަބޫލު ނުކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.