ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އެ ޓީމުގެ ކޯޗުގެ މަގާމަށް ހޯސޭ މޮރީނިއޯ ހަމަޖައްސައިފި އެވެ.

ޓޮޓެންހަމުން މޮރީނިއޯ ވަޒީފާ ދީފައިވަނީ 2023 ގެ ނިޔަލަށެވެ. އެޓީމުގެ ކޯޗަކަށް މޮރީނިއޯ ހަމަޖެއްސީ، މި ސީޒަނުގައި އެޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ފަސް އަހަރަށްފަހު ޕޮޗެޓީނޯ މަގާމުން ވަކިކުރުމަށްފަހު އެވެ. މިދިޔަ ސީޒަނުގައި އެއްވެސް ހަރަދެއް ނުކޮށް ޓޮޓެންހަމަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޕޮޗެޓީނޯ ފުރުސަތު ހޯދައިދިން ނަމަވެސް، މި ސީޒަނުގައި ޓޮޓެންހަމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ޕޯޗުގަލްގެ ޕޯޓޯ އާއި އިޓަލީގެ އިންޓަ މިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ މޮރީނިއޯ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން މޮރީނިއޯ ހުރީ ޓީމަކާ ހަވާލުނުވެ އެވެ. އެ މުއްދަތުގައި ޔޫރަޕުގެ ބޮޑެތި ބައެއް ކްލަބުތަކުން އޭނާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ދާދި ފަހުން ޖަރުމަންގެ ޗެމްޕިއަން ބަޔާން މިިއުނިކުންވެސް މޮރީނިއޯ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޓޮޓެންހަމްގެ ކޯޗުގެ މަގާމަށް މޮރިނިއޯ އައްޔަނުކުރިއިރު، މީގެ ހަފްތާއެއް ކުރިން ލިޒްބަންގައި ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީ ވަނީ މޮރީނިއޯއާ ބައްދަލުކޮށްފައެވެ.

މޮރިނިއޯ ޓޮޓެންހަމާ ހަވާލުވިއިރު، ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 14 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ 14 ވަނައިގައެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމުން ކުޅޭނެ ފުރަތަމަ މެޗަކީ އަންނަ ހޮނިހިރު ދުވަހު ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗެވެ.