މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އެކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި، ރަޖިސްޓްރީ ސެޓްފިކެޓު ހަވާލުކުރުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފައްދަވާފައިވާ އެމްއާރުއެމްގެ އިންތިގާލީ ރައީސަކީވެސް ރައީސް މައުމޫނެވެ. އެމަގާމަށް ކުރިމަތިލެއްވީވެސް އެމަނިކުފާނު އެކަންޏެވެ. އެމަގާމަށް ރައީސް މައުމޫން އައްޔަނުކުރުމަށް ނެގި ފެންނަ ނުފެއްނަ ވޯޓު ނަގާފައިވަނީ ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައެވެ. އެޕާޓީ މަސައްކަތް ފުރަތަމަ ފެށިގެން އައީވެސް މައުމޫން ރިފޯމް މޫވްމަންޓްގެ ނަމުގައެވެ.

އެމްއާރުއެމް އުފެއްދުމުގެ ޖަލްސާއަށް މިމަހުގެ 8 ވަނަ ދުވަހުގެރޭގެ 8:00 އަށް ކިޔައި ގާނޫނީ އަދަދު ހަމަނުވެގެން ޖަލްސާ ނުފެށި ތިބުމަށްފަހު ދެގަޑިއިރު ފަހުން ޖަލްސާ ފެށުނީ އެރޭ 10:00 ވެސް ވީފަހުންނެވެ. އެޖަލްސާ މެންދަމު 2:15 ވީއިރު ވެސް ދަރުބާރުގޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕާޓީ އުފައްދާ، ރަޖިސްޓްރީ ކުރުމުގެ މަސައްކަތާ ހަމައަށް ގޮސްފައި މިވަނީ އެކަން ކުރުމަށް މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ.

އެމްއާރުއެމްގެ ނަމުގައި ރައީސް މައުމޫން ޕާޓީއެއް އުފައްދަވާއިރު މިއީ އެމަނިކުފާނު އިސްވެ އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީއެވެ. އެންމެ ފުރަަތަމަ އުފެއްދެވި ޑީއާރުޕީ ދޫކުރައްވައި ވަޑައިގަތީ އޭރު ލީޑަރަކަށް ހުންނެވި އަހުމަދު ތަސްމީން އަލީއާއި ދެބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކެއްގެ ތެރެއިންނެވެ. އޭގެ ފަހުން ޕީޕީއެމް އުފައްދަވައިގެން އުޅުއްވަނިކޮށް، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީން ވަނީ ކޯޓު މެދުވެރިކޮށް ޕާޓީގެ ބާރުތައް ނަންގަވާފައެވެ.