ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާ އެކަން އިޢުލާންކޮށްފިއެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އީސީއިން ހާމަކުރި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތާރީހެއްގަ އެވެ. އެހެން ނަމަވެސް، އޭރު ސީދާ ތާރީހު ހާމައެއް ނުކުރެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބު 2020 ވަނަ އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
އިލެކްޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެއްފޮއްޓަކަށް ވޯޓް ލެވޭ އެންމެ ގިނަ އަދަދަކީ 700 މީހުން ކަމުގައި ކަނޑައަޅާފައެވެ. އޭގެ ސަބަބުން 178 ވޯޓް ފޮށި އިތުރުވެގެންދާއިރު އޮފިޝަލުންގެ އަދަދުވެސް 7000 އަށް އިތުރުވެގެން ދާނެ ކަމަށެވެ.
މި ބަދަލާއެކު މުޅި އިންތިޚާބަށް ގާތްގަނޑަކަށް 65 ނުވަތަ 70 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނައަހަރުގެ ފެބުރުއަރީ މަހުގައެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ވިހި ވިހީގެ ބަޖެޓްގައި ކައުންސިލް އިންތިހާބަށް ހިމަނާފައި ވަނީ 56.2 މިލިއަން ރުފިޔާ އެވެ. އެއީ އެކަށީގެންވާ އަދަދެއް ކަމަށް އީސީއިން ބުންޏެވެ. އެންމެ ފަހުން 2017 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ހަރަދު ކުރީ 46.2 މިލިއަން ރުފިޔާ އެވެ. އެހެންކަމުން، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ބަޖެޓަށް ކުރާ ހަރަދަކީ 10 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އަންނަ އަހަރު ކައުންސިލް އިންތިޚާބު ބާއްވާނީ ލާމަރުކަޒީ ޤާނުނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ. އެގޮތުން މާލީ ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.