ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވާން ފުރުސަތު ދޭން ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ޕީޖީގެ މަގާމުން ބިޝާމް ވަކިކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުމުން އެކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސްއެއް ފޮނުވަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ. އެ ހުށަހެޅުމަށް ވޯޓު ނުދެއްވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއެވެ.

މިއީ ޕީޖީ މަގާމުން ވަކިކުރުމަށް ޖުޑިޝަރީ ކޮމިޓިއަށް ހުަހެޅުނު ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް ޕީޖީ ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅި ބިޝާމް ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމިޓީން ނިންމިއެވެ. ނަމަވެސް ފަހުން އެނިންމުން ބާތިލްކުރުމަށްފަހު އަނެއްކާ ވެސް އަންގާރަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ބިޝާމް ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ އިޖުރާއަތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ޖުޑިޝަރީ ކޮމިޓީއަށް ދެއްވާފައެވެ. އެއީ މިނިވަން މުއައްސަސާއެއްގެ މެންބަރަކު ނުވަތަ މުސްތަގިއްލު މަގާމެއްގައި ހުންނަ މީހަކު ވަކިކުރުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދަން މަޖިލީހުގެ ގަވާއިދުގައި އަމަލުކުރަން މިހާރު އޮންނަ ގޮތެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ޕީޖީ ކޮމިޓީއަށް ހާޒިރުކުރަން ނުފެންނަ ކަމަށެވެ. ނަމަވެސް ކޮމިޓީއަށް ޕީޖީ ހާޒިރުކޮށް ޖަވާބުދާރީކުރުމުގެ ފުރުސަތު ދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވުމުން، އެ ހުށަހެޅުމަށް ދެން ތިބި މެމްބަރުން ވަނީ ތާއީދުކުރައްވާފައެވެ.

ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި ކޮމިޓީގެ ނައިބު މުގައްރިރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ޕީޖީ ބިޝާމްގެ އިތުބާރު ބޮޑުތަނުން ގެއްލިފައިވާ ކަމަށާއި ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވި ދުވަހު ވެސް އެ ކޮމިޓީއަށް ދޮގު މައުލޫމާތު ޕީޖީ ދެއްވާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މީހެއްގެ އިތުބާރުނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވާން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހޭނެއެވެ. ސިރާޖު ވިދާޅުވީ މިއަދު އެ ނޯޓިސް ފޮނުވާނެ ކަމަށެވެ. އެހެންކަމުން ޕީޖީގެ މަގާމުން ބިޝާމް ވަކިކުރެވޭނީ ސާދަ ދުވަހުގެ މުއްދަތަށް ފަހުގައެވެ.

ޕީޖީ ބިޝާމަކީ ރައީސް ޔާމީނުގެ ސަރުކާރުގެ ދުވަސްވަރުގައި ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް އިންސާފުން ބޭރުން ދައުވާތައް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރާނެ ކަމުގައި މަޖިލީހުގެ މެމްބަރުންނާއި ކޯލިޝަނުގައި ހިމެނޭ ލީޑަރުންވެސް ކުރިން ވިދާޅުވަމުން ގެންދެވިއެވެ. މި ތުހުމަތުތަކާ ގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މީގެ ކުރިން ވެސް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ. ނަމަވެސް ބިޝާމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ދެ ފަހަރެއްގެ މަތިން ހުށަހެޅިއެވެ. ނަމަވެސް ދެފަހަރުވެސް އެ މައްސަލަ ހުށަހެޅުއްވި، އޭރުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވަނީ މައްސަލަ އަނބުރާ ގެންދަވާފައެވެ.