މަރާމާތުތަކަށްފަހު މާލެ ޖަލު އެނެކްސް 1 އަލުން ހުޅުވައިފިއެވެ.

ޖަލު އަލުން ހުޅުވައިދެއްވީ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲއެވެ. އެއަށްފަހު މިނިސްޓަރ ވަނީ ޖަލުތަކުގެ ގޮޅިތައް ބައްލަވާ ލައްވާފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އަލުން ހުޅުވިގެންމިދާ ޖަލުގޮޅިތަކުގެ ސަބަބުން ގައިދީން އަލުން މުޖުތަމައަށް ނިކުންނައިރު އެމީހުންނަކީ ކުރިއަށްވުރެ މުޖުތަމައަށް ބޭނުންހިފޭ ބަޔަކަށް ވެގެންދާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި ކުރިން ގައިދީންނަށް ހަނިކުރެވިފައިވާ ބައެއް ކަންކަން ޖަލުގެ ތެރެއިން ދޫކުރެވިފައި ވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ގޮޅިތައް މަރާމާތަށްފަހު ހުޅުވިގެންދާއިރު ކަސްރަތު ކުުރުމަށް ކޮންމެވެސް ވަރެއްގެ ހުސްޖާގައެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ކުރިން ހެނދުނު 6 އިން އިރުއޮއްސި 6 އަށް ގޮޅީގައި ތިބެންޖެހޭ ތިބުން ބަދަލުކޮށް ފަތިހު 5 އިން ރޭގަނޑު 10 އަކަށް ގައިދީންނަށް ގޮޅިތަކުން ބޭރަށް ނިކުމެވި ގޮޅީގެ ބޭރުން ގައިދީންނަށް އުޅުމަށް ހުސްކުރެވިފައިވާ ތަންކޮޅުގައި ހަރަކާތްތެރި ވެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރަށް ކުރިން 17 ވަރަކަށް މީހުން މިގޮޅިތަކުގައި ތިބިކަމުގައިވިޔަސް، އަލަށް ހުޅުވުމާއެކު ދެން ގޮޅިތަކުގައި ތިބޭނީ ދިހަ ގައިދީންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގޮޅިތައް ހުޅުވުމަށްފަހު ނޫސްވެރިންނަށް ވަނީ ގޮޅިތައް ބަލައިލުމުގެ ފުރުސަތު ދީފައެވެ.

ތިންގޮޅި ހުރިއިރު ކޮންމެ ގޮޅިއެއްގައި ދޭއް، ނުވަތަ ތިން ބަންކްބެޑް ވަނީ ބަހައްޓާފައެވެ. އަދި ކޮންމެ ގޮޅިއެއްގައި މޫނު ދޮންނަ ތަނަކާއި ދެ ފާހަނަ ހުރިއިރު ފާހަނަތައްވެސް ހުރީ ރަނގަޅު ފެންވަރަކަށް ހަދާފައެވެ.

ގޮޅިތަައް ބަލަހައްޓާ އޮފިސަރުންނަށާއި ގައިދީންނަށް ހާއްސަކޮށްގެން ޔުނިޓު ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ. ޖަލުގެ ގޮޅިއެއްގައި ހިނގާ އެއްވެސް ކަމަކާ މެދު ޝަކުވާއެއް ހުށައަޅަން ބެނުންވެއްޖެ ކަމުގައިވާނަމަ ޔުނިޓު ޕްލޭނުގައި އެކުލެވޭ ކަންކަމަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދެއެވެ.