ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރު ރަނިލް މަގާމުން އިސްތިއުފާ މިދެއްވީ، ސްރީލަންކާގެ އާ ރައީސް ގޮޓަބާޔަ ރާޖަޕަކްސައަށް ވަގުތީ ސަރުކާރެއް އެކުލަވާލެއްވުމަށް މަގުފަހި ކުރެއްވުމުގެ ގޮތުންނެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން އިޢްލާން ކުރައްވައި ރަނިލް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ރައީސް ގޮޓަބާޔަ ރާޖަޕަކްސައާ އިއްޔެ ބައްދަލު ކުރައްވައި، ސްރީލަންކާގެ މިހާރުގެ ޕާލަމެންޓްގެ މުސްތަގްބަލާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި، ޕާލަމެންޓްގެ އަޣުލަބިއްޔަތު އޮތީ މިހާރުގެ ސަރުކާރަށް ނަމަވެސް، ސްރީލަންކާގެ ރައްޔިތުން ގޮޓަބާޔަ ރާޖަޕަކްސަ ރައީސްކަމަށް އިންތިޚާބުކޮށް ރައީސާ ހަވާލުކުރި މަސްއޫލިއްޔަތަށް އިހްތިރާމް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ރަނިލް ވިދާޅުވެފައި ވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕާޓީން ވާދަކުރެއްވި ސާޖިތު ޕްރެމަދާސަ ބަލިކުރައްވައި ގޮޓަބާޔަ ރާޖަޕަކްސަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރަނިލް ވިކްރަމަސިންހައަށް އެތައް ފަރާތަކުން ބޮޑެތި ފިއްތުންތައް ކުރިމަތިވަމުން ގޮސްފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އާންމު އިންތިޚާބު ބޭއްވެންދެން ސްރީލަންކާގައި ދެން އޮންނާނީ ރައީސް ގޮޓަބާޔަ އެކުލަވާލައްވާ ވަގުތީ ސަރުކާރެކެވެ. އެ ސަރުކާރުގެ ބޮޑުވަޒީރުކަމަށް ގޮޓަބާޔަ މިހާރުވަނީ، އޭނާގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު އަދި ކުރިން ދެފަހަރު ރައީސްކަން ކުރެއްވި މަހިންދަ ރާޖަޕަކްސަ ކަނޑައަޅުއްވާފައެވެ. އަދި 15 މެމްބަރުންގެ ކެބިނެޓެއް އެކުލަވާލެއްވުމަށްވެސް ރައީސްވަނީ ނިންމަވާފައެވެ.

ސްރީލަންކާގެ ގާނޫނުއަސާސީގައި ކަނޑައަޅަފައިވާ ގޮތުގެމަތިން މިހާރުއޮތް ޕާލަމެންޓް މާޗް 1 ގައި ރޫޅާލައި، އޭޕްރީލްމަހުގެ ތެރޭގައި އާންމު އިންތިޚާބު ބޭއްވުމަށް، ބޮޑުވަޒީރާއި، އިދިކޮޅު ލީޑަރާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޕާލަމެންޓް މެމްބަރުންގެ މެދުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.