ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންގެ ހައްގުތަކަށް ހޭލުންތެރިކޮށް، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބާރުއެޅުމެވެ.

ކުޑަކުދިންގެ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާ، "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗައިލްޑް" އެކުލަވައިލެވުނީ 1989 ވަނަ އަހަރެވެ. މިއަދަކީ އެ މުއާހަދާއަށް 30 އަހަރު ފުރޭ ދުވަހެވެ. ރާއްޖެއިން އެ މުއާހަދާގައި ސޮއިކުރީ 11 ފެބްރުއަރީ 1991 ގައެވެ. ދުނިޔޭގެ އެންމެ ގިނަ ގައުމުތަކުން ތަސްދީގުކޮށްފައިވާ މި މުއާހަދާގައި 194 ގައުމަކުން ވަނީ ސޮއިކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެންމެ އިސްކަންދޭނެ އެއްކަމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުން ކަށަވަރުކުރުން ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގައި ކުޑަކުދިންގެ ހައްގުތަކުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލު މަޖިލީހުން ފާސްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

10 އަހަރު ވެއްޖެ މިދެންނެވި ދެ ބިލު މި މަޖިލީހުގައި އޮންނަތާ. އަދި ބައިނަލްއަގުވާމީ އެކިއެކި ކަމާގުޅޭ ޖަމާއަތްތަކުންނާއި އެކުވެރި ދައުލަތްތަކުން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން، މި މަޖިލީހުން އެ ބިލު ނިންމައިދިނުމަށް އެތައް ފަހަރަކު އެދިފައިވޭ. މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު ތި އިއްޒަތްތެރި މެންބަރުންނަށް ފަޚުރުވެރިކަމާއެކު ބުނެވެން އެބައޮތް އެ އެންމެހާ ހައްގުތައް ހޯދައިދީފީމޭ.
ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން ދައުލަަތަށް ހުށަހެޅިފައި ހުރި ހުރިހާ މައްސަލައަކަށް އިންސާފު ލިބިފައިވާ މިންވަރު ދެނެގަތުމަށް ޚާއްސަ "ޕާލަމަންޓަރީ އިންކުއަރީ" އެއްގެ އަމަލީ މަސައްކަތް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ފަށާފައި ކަމަށެވެ. މިއީ މިބާވަތުގެ ކަމެއް މަޖިލީހުން ކުރާ ފުރަތަމަ ފަހަރެވެ. މި އިންކުއަރީގެ މަގުސަދަކީ ޖިންސީ ގޯނާ ލިބޭ މިންވަރު ދެނެގަނެ، އޭގެ ސަބަބުތައް ސާފުވެ، އެފަދަ ކަންކަން ނުހިނގާނެ އުސޫލުތައް ކަނޑައެޅުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މިއަދު ވަނީ ކުޑަކުދިންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. މިގޮތުން ހިއުމަން ރައިޓްސް ކޮމިޓީއަށް ކުޑަކުދިންކޮޅެއް ގެނެސް، އެ ކުދިންގެ ކަންކަމާ ގުޅޭގޮތުން ދެފަރާތުން ވަނީ ވާހަކަދައްކާފައެވެ.

ހިއުމަން ރައިޓްސް ކޮމިޓީން ކުޑަކުދިންތަކަކާ ބައްދަލުކުރަނީ

ކުޑަކުދިންގެ އަދުލުގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ކުޑަކުދިންގެ ހައްގުތަކުގެ ބިލުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުޑަކުދިން ބަލިތަކުން ސަލާމަތް ކުރުމުގެ ބޭނުމުގައި ވެކްސިން ދިނުން މަޖުބޫރުކޮށްފައި ވުމެވެ. ކުޑަކުދިންނަކީ ދައުލަތާއި އާއިލާ އަދި މުޖުތަމައުގެ ފަރާތުން އެހީތެރިކަމާއި ޚާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބަޔަކަށް ވާތީ 15 އަހަރުން ދަށުގެ ކުޑަކުދިންނަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ބައެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރުމަށް ކުޑަކުދިންގެ އަދުލުގެ ބިލުގައި ވަނީ ހިމަނާފައެވެ. އަދި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ޚާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅި މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރަށް، އެ ކޯޓުގެ ސަރަހައްދީ ޑިވިޒަންތައް ގާއިމުކުރެވޭނެ ކަމަށް ވެސް ބުނެއެވެ.