ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި މަރާމާތު ކުރުމަށް އިންޑިއާއިން ހިލޭ އެހީ ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ ހިލޭ އެހީގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތު ކުރުމަށްޓަކައި 1,998,206 ދިވެހި ރުފިޔާ އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ.

އިންޑިއާ ސަރުކާރުން ފިޔަވަތި ތަރައްގީ ކުރުމަށް ދިން ހިލޭ އެހީގެ ދަށުން އިމާރާތުގެ ސެކިއުރިޓީ ރަނގަޅުކުރުމާއި އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރުމާއި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ އިތުރުކޮށް ތައްޔާރުކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ފަޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެ ކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މިއަހަރުގެ މާރިޗްމަހު 17 އިން 18 އަށް އިންޑިއާގެ ކުރީގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ޝުޝްމާ ސުވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މިއަހަރުގެ އޮގަސްޓް މަހުގެ ކުރީކޮޅު ސުޝްމާ ވަނީ އަވަހާރަވެފައެވެ.

އެދަތުރުފުޅުގައި ރާއްޖޭގައި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ.