ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގުން އަނެއްކާވެސް ސްޕޯޓްސް ކޮމިޝަނުން އިންޓަރިމް ކޮމިޓީއަކާއި ހަވާލުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމް ސޮއިކޮށް މި މަހުގެ 19 ވަނަ ދުވަހު ވީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ 31 އޮކްޓޯބަރު 2019 ވަނަ ދުވަހު ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި، ހާޒިރުވެތިބި ފުރިހަމަ މެންބަރުންގެ އިއްތިފާގުން ފާސްކުރުމާއި ގުޅިގެން އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި ވީއޭއެމްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިންޓަރިމް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އަދި މި ކޮމިޓީން 31 އޮކްޓޯބަރު 2019 އިން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ހިންގާ ގަވާއިދު ފާސްކޮށް ހިންގާ ކޮމިޓީ އެކުލަވާލުމަށް ވަނީ އަންގާފައެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް އެކުލަވާލި ތިން މެންބަރުގެ ކޮމިޓީގައި ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ފަޒާދު އާއި އެންމެ ފަހުން ގައުމީ ފިރެން ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދާއި ބީޗް ވޮލީބޯޅަ ކޮމިޝަނުގެ މެންބަރުކަމުން ދާދި ފަހުން ވަކިކުރި އަބްދުﷲ ނަޝީދު އެވެ.

އައު އިންޓަރިމް ކޮމިޓީއަކާއި ވީއޭއެމް ހަވާލުކުރުމަށް ނިންމާފައިވާއިރު މި އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ފެށިގެން ވެސް 5 މަސް ދުވަހަށް އިންޓަރިމް ކޮމިޓީއަކުން ވީއޭއެމް ވަނީ ހިންގާފައެވެ. އެ ފަހަރުގެ އިންޓަރިން ކޮމިޓީ ގަބޫލު ނުކުރާނެ ކަމަށާއި ވަގުތުން ވީއޭއެމްގެ ހިންގާ ކޮމީޓީއަށް ތަން ހަވާލުކުރުމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ އެފްއައިވީބީން އެންގިއެވެ.

ފުރަތަމަ އިންޓަރިމް ކޮމިޓީ އާއި ގުޅިގެން ޖުލައި މަހުގެ ތެރޭގައި އެފްއައިވީބީގެ ޖެނެރަލް ޑިރެކްޓަރ ފަބިއޯ އަޒެވޭޑޯ ސޮއިކުރައްވާ، އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ވީއޭއެމްގެ އެކްސްކޯ އުވާލަން ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނުން ނިންމާފައިވާއިރު ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ބެލެނިވެރި ފަރާތަކީ އެފްއައިވީބީ ކަމަށާއި، އެހެންކަމުން އެ އިދާރާގެ މައްސަލަތައް ބަލާނީ އެފްއައިވީބީން ކަމަށެވެ.

ފުރަތަމަ އިންތިޚާބެއް ބޭއްވުމަށް މަސައްކަތް ކުރުމަށް ފަހު އިންތިޚާބު ފަސްކޮށް، ދެވަނަ ފަހަރަށް ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާފައިވަނީ އެ އެސޯސިއޭޝަނުގެ އިންތިޚާބީ އެކްސްކޯ ނެތި އެސޯސިއޭޝަން ހިންގަމުންދާ ފަރާތްތަކުންނެވެ. އެ ކޮންގްރެސް ބާއްވާފައިވަނީ ވީއޭއެމްއިން 28 އޮކްޓޯބަރު 2019 ގައި އިއުލާނެއް ކުރުމަށްފަހު 30 އޮކްޓޯބަރު ވަނަ ދުވަހުގެ 12 ގެ ކުރިން ރަޖިސްޓްރީކުރި ކްލަބުތަކުގެ މެދުގައެވެ.

ކޮންގްރެސްގައި ބައިވެރިވެފައިވަނީ ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވްސް ޕޮލިސް ކްލަބާއި ގުޑީސް ސްޕޯޓްސް ކްލަބާއި މޯލްޑިވިއަން ސްޕޯޓްސް ކްލަބާއި ސިޓީ ސްޕޯޓްސް އަދި ކްލަބު ހޯކްސް އެވެ. ޖަލްސާގައި ބައިވެރިނުވާ ދެ ކްލަބަކީ ކްލަބު ހާފް ލައިން ލިންކްއޭޖް އާއި ޔޫތު ނިއު ޖެނެރޭޝަނެވެ.

ދިވެހި ސިފައިންގެ ކްލަބުގެ ފަރާތުން ލަތީފްގެ އިތުބާރު ނެތް ކަމަށް ހުށައެޅުމާއެކު ހާޒިރުވެ ތިބި 6 ކްލަބުގެ ތާއީދުކޮށް އިތުބާރު ނެތް ކަމަށް ފާސްކުރިއެވެ. ޖަލްސާގައި ސިފައިންގެ ކްލަބުގެ ފަރާތުން ވަނީ ވީއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން 30 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބޭއްވުމަށާއި އެކަން ކުރިއަށް ގެންދަން ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ހުށައަޅައި އެކަންވެސް ފާސްކޮށްފައެވެ.

ވީއޭއެމްގެ އަސާސީ ގަވައިދުގެ ބ. ގައި ބުނެފައި ވަނީ އެސޯސިއޭޝަނުގެ ރައީސްގެ އިތުބާރު ގެއްލިއްޖެ ހާލަތެއްގައި އަހަރީ ޖަލްސާއެއް ނުވަތަ އާއްމު ޖަލްސާއެއް ބާއްވައި ހާޒިރުވި މެމްބަރުންގެ 3/2 ވޯޓުން ފާސްކޮށް ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ހުށަހެޅުމުން އެކަމެއް ބަލައި މަގާމުން ދުރުކުރުމުގެ ހާލަތެއް ދިމާވެފައިވާނަމަ މަގާމުން ރައީސް ވަކި ކުރުމުގެ އިޚުތިޔާރު ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ލިބިގެންވާ ކަމަށެވެ.

ވީއޭއެމްގެ ފުރިހަމަ މެމްބަރު ކްލަބުތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައިވާއިރު ވީއޭއެމްގެ އަސާސީ ގަވާއިދުގެ ނ. ގައި ބުނެފައި ވަނީ އެ ކޮންގްރެސް އަދި އަހަރީ އާންމު ޖަލްސާއެއް ވިޔަސް ރިޔާސަތު ބަލަހައްޓަން ވާނީ ރައީސް ކަމަށެވެ.

އާސާސީ ގަވާއިދުހައި މިހެން ބުނެފައިވީ ނަމަވެސް ވީއޭއެމްގެ ރައީސް މަގާމުން ދުރުކޮށް އިންތިޚާބަކާއި ހަމަޔަށް ގެންދިޔުމަށް ބޭއްވި ޖަލްސާތައް ކުރިޔަށް ގެންގޮސްގައި ވަނީ ވީއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީއަށް އެއްވެސް ފުރުސަތެއް ނުދީ އަދި އެއްވެސް ދައުރެއް ނެތިއެވެ.