ދިވެހި ފުޓްބޯޅައިގެ ދުރުރާސްތާގެ ޕްލޭނެއް އަންނަ ޖެނުއަރީ މަހު އިއުލާނުކުރާއިރު، ރާއްޖޭގެ ޓީމުތައް ސަރަހައްދުގެ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިންޑިއަން ސުޕަ ލީގުގައި ވާދަކުރުމަށް ހިމެނުމަށް މިހާރުވެސް ވިސްނުން ގެންގުޅުއްވާ ކަމަށް ގައުމީ ޓީމުގެ ކޮމިޓީގެ ޗެއާމަން އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ފުޓްބޯޅަ ކުރިޔަށްދާނީ ފުޓްބޯޅަ ކުޅެވިގެން ކަމަށާއި ރާއްޖޭގެ ލީގަށް އެކަނި ވިސްނުން ހުރެގެން ފުޓްބޯޅަ ކުރިޔަށް ނުދާނެކަމަށް ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.

އަޅުގަނޑުމެން މި ޕްލޭންގައި ވިސްނާނަން އަވައްޓެރި އިންޑިއާގައި ކުޅޭ ވަރުގަދަ ސުޕަލީގަށް ދިވެހި ޓީމުތައް ދިޔުމަށް. އިންޑިއާ އާއި ރާއްޖެ އާއި މިއޮތް އެކުވެރި ގުޅުމުގެ ތެރެއިން މިކަން ނުކުރަންވީ އެއްވެސް ސަބަބެއްނެތް.
ދިވެހި ފުޓްބޯޅައިގެ ދުރުރާސްތާ ޕްލޭން ހެދުމަށް ހަވާލުވެހުންނެވި މޭސްތިރި އަލީ ވަހީދު

އާ ޕްލޭން ވެގެންދާނީ ފުޓްބޯޅައަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފުޓްބޯޅަ އާ މިސްރާބަކަށް ގެންދާނެ ޕްލޭނަކަށް ކަމަށާއި ޕްރިމިއާ ލީގުގައި މިހާރު ވާދަކުރާ 8 ކުލަބުގެ ބަދަލުގައި އެ އަދަދު 10 ޓީމަށް ބަދަލު ކުރަންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދެވަނަ އަދި ތިންވަނަ ޑިވިޜަނުގެ ފުޓްބޯޅަ މުބާރާތަކީ އޮޔާދާ ކާއްޓަކަށް ވެގެން އެންމެ މަތީ ލީގު ވަރުގަދަ ނުކުރެވޭނެ ކަމަށާއި ދެވަނަ ޑިވިޜަނަކީ ވެސް ވާދަވެރި ވަރުގަދަ ފުޓްބޯޅަ މުބާރާތަކަށް ބަދަލުވާން ޖެހޭ ކަމަށް ފުޓްބޯޅައަށް ގިނަ ޛިދުމަތްތަކެއް މީގެކުރިން ވެސް ކޮށްދެއްވާފައިވާ ވަޒީރު ވިދާޅުވިއެވެ.

ފުޓްބޯޅަ ކުލަބުތައް މިއަދު ވިސްނަންވީ ސަރުކާރުން ތިން މިލިޔަން ރުފިޔާ ދިނުންތޯ ނޫނީ ނުދިނުންތޯ ސުވާލު ކުރަމުން ވަޒީރު ވިދާޅުވީ، ތިން މިލިޔަން ދިން އިރުވެސް ފުޓްބޯޅަ ކްލަބުތައް އޮތީ ފުނޑިފައި ކަމަށާއި މިއަދުވެސް ކްލަބުތައް އޮތީ ފުނޑިފައި ކަމަށެވެ.

ދިވެހި ފުޓްބޯޅަ ކްލަބުތައް މިއަދު ހިންގަމުން ދަނީ ޖަމިއްޔާއެއް ގޮތަށް ކަމަށާއި ބޭރުގެ ފުޓްބޯޅަ ކްލަބުތައް ގޮތަށް ދިވެހި ކްލަބުތައް ބަދަލުވެ ކްލަބުތަކުގެ ޝެއާ އަކީ ގަނެވޭނެ އެއްޗަކަށް ވެގެން ދާންޖެހޭ ކަމަށް ކްލަބު ހިންގުމުގައި ހުރިހާ މަގާމެއް އަދާކުރި ވަޒީރު ވިދާޅުވިއެވެ.

އަމިއްލަފުޅު ޚިޔާލުތަކެއް ހުރި ނަމަވެސް އެކަންކަން ކަރުދާހަށް ގެންނާނީ ފުޓްބޯޅަ ކްލަބުތަކާއި މަޝްވަރާކުރުމަށް ފަހު ކަމަށާއި ދުރުރާސްތާ ޕްލޭން އެފްއޭއެމްގެ ކޮންގްރެސްއިން ފާސްކުރުމުން އެ ހިފައިގެން ވަޒީރުންގެ މަޖިލީހަށާއި މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީއަށްވެސް ވަޑައިގެންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.