ސްރީލަންކާގެ އައު ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ރައީސްގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު އަދި ކުރިން ދެފަހަރެއްގެ މަތިން ރައީސްކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ ނަންފުޅު ހުށަހަޅުއްވައިފިއެވެ.

އުމުރުފުޅުން 70 އަހަރުގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، ބޮޑުވަޒީރުގެ މަގާމަށް އޭނާގެ ބޭބޭފުޅު، އުމުރުފުޅުން 74 އަހަރުގެ މަހިންދަ ރާޖަޕަކްސަގެ ނަންފުޅު މި ހުށަހެޅުއްވީ، ސްރީލަންކާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޚަބަރު ލިބޭގޮތުގައި މަހިންދަ ރާޖަޕަކްސަ މާދަމާ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނެއެވެ.

މަހިންދަ ރާޖަޕަކްސަ މާދަމާ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމާއެކު، ސްރީލަންކާ ސަރުކާރުގެ އެންމެމަތީ ބާރުތައް އަނެއްކާވެސް ރާޖަޕަކްސަގެ އާއިލާއަށް ނަގުލްވެގެން ދާނެއެވެ. އަދި މިއީ، ސްރީލަންކާ ސަރުކާރުގެ އެންމެމަތީ ދެ ބާރުގެ ވެރިކަން އެއްބަނޑު އެއްބަފާ ދެބޭފުޅުން ކުރައްވާ ފުރަތަމަ ފަހަރަށްވެސް ވެގެންދާނެއެވެ.

ސްރީލަންކާގައި ހިނގައިދިޔަ ލޭއޮހޮރުވުންބޮޑު އެތައް އަހަރެއްވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ހުރިހާ ޝަރަފެއް ލިބިވަޑައިގަންނަވާ ބޭފުޅުންނަކީވެސް މަހިންދަ ރާޖަޕަކްސައާއި ގޮޓަބާޔަ ރާޖަޕަކްސައާއި، އެ އާއިލާގެ އެހެން ބޭފުޅުންނަށެވެ. މަހިންދައާއި، ގޮޓަބާޔަގެ އިތުރުން، ބަސިލްއާއި، ޗަމަލްއަކީވެސް ސްރީލަންކާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރި ބޭފުޅުންނެވެ. ޗަމަލްއަކީ މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާ ޕާލަމެންޓްގެ ރައީސެވެ.

2015 ވަނަ އަހަރު ތަމަޅަ ޓައިގަރުންގެ ދުވަސް ދުއްވާލަން އެންމެފަހު ފިޔަވަހީގެ ހަމަލާތައް ދެވުނުއިރު ރައީސަކީ މަހިންދަ ރާޖަޕަކްސައެވެ. ދިފާއީ ވަޒީރަކީ ގޮޓަބާޔަ ރާޖަޕަކްސައެވެ.

ސްރީލަންކާގެ އާ ޒައާމަތުގެ ތަރުޖަމާނު ވިޖެޔަނަންދަ ހީރަތު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މަހިންދަ ރާޖަޕަކްސަ މާދަމާ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށްފަހު އާ ސަރުކަރުގެ ކެބިނެޓް އިޢްލާން ކުރައްވާނޭ ކަމަށެވެ.

ސްރީލަންކާގެ ރައީސްކަން ކުރިން ދެފަހަރެއްގެމަތިން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަ: މާދަމާ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނެ

ސްރީލަންކާގައި މިހާރުއޮތް ޕާލަމެންޓްގެ އަޣުލަބިއްޔަތުއޮތީ މިހާރު ވެރިކަމުގައިތް ރަނިލްގެ ޕާޓީއަށްކަމުން، އަލަށް އުފައްދާ ސަރުކާރު ވެގެންދާނީ އަޣުލަބިއްޔަތުނެތް ސަރުކާރަކަށެވެ. އެއީ، އަންނަ އަހަރު އާންމު އިންތިޚާބު ބާއްވަންދެން އުފައްދާ ވަގުތީ ސަރުކާރެކެވެ.

ސްރީލަންކާގައި މިހާރުއޮތް ޕާލަމެންޓް އިންތިޚާބު ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. ސްރީލަންކާގެ ގާނޫނުއަސާސީ ބުނާގޮތުން މިހާރުއޮތް ޕާލަމެންޓް މުއްދަތު ހަމަވުމުގެ ހަމަސް ކުރިޔަކުން ރައީސަށް ޕާލަމެންޓް ރޫޅައެއް ނުލެވޭނެއެވެ. އެހެންނަމަވެސް، ޕާލަމެންޓް މެމްބަރުންގެ އަޣުލަބިއްޔަތުން ގަރާރެއް ފާސްކޮށްފިނަމަ އަވަސް އިންތިޚާބޭއް ބޭއްވިދާނެއެވެ. އެހެންކަމުން، މިހާރު ހުށަހެޅިފައިވަނީ މާޗް އެކެއްގައި ޕާލަމެންޓް ރޫޅާލައި އޭޕްރީލްހާ ތާނގައި އިންތިޚާބު ބާއްވާށެވެ.

ރައީސް ގޮޓަބާޔައަށް ވަގުތީ ސަރުކާރެއް އުފައްދަން މަގުފަހި ވެގެންދިޔައީ، ރަނިލް ބޮޑުވަޒީރުކަމުން މިއަދު އިސްތިއުފާ ދެއްވުމުންނެވެ. ރަނިލް ވިދާޅުވީ، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ނިންމެވީ، ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.